އަފްޣާނިސްތާންގެ ވެރިކަމަށް ތާލިބާނުން ގަދަބާރުން ވެރިވެގަނެ އެކުލަވަލާ ސަރުކާރެއް ގަބޫލުނުކުރާނެ ކަމަށް އެމެރިކާގެ ސުލްހައިގެ މަންދޫބު، ޒަލްމާއީ ޚަލީލްޒާދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައު އޮތީ ތާލިބާނުންގެ ވެރިކަމެއް ގަބޫލުކުރާ ގޮތަށް ނޫން ކަމަށާއި ތާލިބާނުން އެކަހެރިކުރާނެ ކަމަށެވެ.
މަންދޫބުގެ ވާހަކަތައް މިހެން ހުރި ނަމަވެސް ތާލިބާނުން ގެންދަނީ ހެވެއް ނުބައެއް ބެލުމެއް ނެތި އަފްޣާންގެ އަވަށްތަކަށް ވެރިވެގަނެ ހިތުހުރި ތަނެއް ސުންނާފަތިކޮށް ފަނާކުރަމުންނެވެ. އެޖަމާތުގެ ބާރުގެ ދަށުގައި އެމެރިކާގެ މުދަލާއި އަފްޣާންގެ މުދާ ހުރި ކަމަށް ވެސް އެމީހުން ބުނެ އެވެ.
ޒަލްމާއީ ޚަލީލްޒާދު ގަތަރަށް ވަޑައިގެން ދޯހާގައި ހުންނަ ތާލިބާނުންގެ ސިޔާސީ އޮފީހަށް ޒިޔާރަތްކުރެއްވި އެވެ. އެއީ ތާލިބާނުންނަށް އިންޒާރުގެ މެސެޖެއް ދެއްވުމަށެވެ.
މަންދޫބު ވިދާޅުވީ އަސްކަރީ ބާރުވެރިކަމުގައި އަފްޣާންގައި ވެރިކަމެއް އެކުލަވާލުމުގެ ބޭނުމެއް ނެތް ކަމަށާއި އެހިސާބަށް ގޮސްފި ނަމަ ތާލިބާނުންނާ މެދު ގޮތެއް ނިންމާނީ ބަރުހަތިޔާރުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ތާލިބާނުންނަށް އަދި އަފްޣާނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ މަޝްވަރާކުރުމެވެ.
އަފްޣާންގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ފޭބުމާ ދިމާކޮށް ތާލިބާނުން ގެންދަނީ އެގައުމުގެ މުހިއްމު އަވަށްތަކަށް އަރައިގަނެ ބާރުތައް ހިސޯރުކުރަމުންނެވެ.
އަފްޣާނުން ޓެރަރިޒަމް ނައްތާލައި ސުލްހަ ގާއިމުކުރުމަށް ކަމަށް ބުނެ މީގެ 20 އަހަރު ކުރިން އެމެރިކާއާއި އެގައުމުގެ ބައިވެރިން އަފްޣާނަށް އަރައި ސުލްހައަށް ކުރި އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.
ތާލިބާނުން ނައްތާލައި ޓެރަރިޒަމް ފޮހެލަން ކުރި މަސައްކަތުން ފެންނަނީ ތާލިބާނުންގެ އާރާއިބާރު ގަދަވެ އަސްކަރީ ގަދަފަދަ ޖަމާއަތަކަށް ވެފައި އޮތް މަންޒަރެވެ.