ދުނިޔެ

ތަހުޒީބީ ރީތި ގޮތަކީ އެމެރިކާ ބަލިގަބޫލުކުރުން: ޗައިނާ

އެމެރިކާ ސިފައިން އަފްޣާނިސްތާންގައި 20 އަހަރު ވަންދެން ހަޑި ހޭވުން ނޫން ކަމެއް ނުކުރާ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އޮތީ ވިދާޅުވެފަ އެވެ. ޕޫޓިން ވިދާޅުވެފައިވާ ގޮތުގައި އެމެރިކާ ސިފައިން އަފްޣާނުން ފަބައިގެން އެ ދިޔައީ އެއްވެސް ނަތީޖާއެއް ހާސިލު ނުކުރެވި ހުސްއަތާ އެވެ.

ޕޫޓިން ވިދާޅުވި ގޮތުން އެމެރިކާ ސިފައިން 20 އަހަރު ދުވަހު އަފްޣާންގައި ކުރި ބުރަ މަސައްކަތުން ވެސް ސްކޯބޯޑުން ސުމެއް ކަނޑުވައިލެވޭ ގޮތެއް ނުވި އެވެ.

ޗައިނާއިން ބުނަނީ ޕޫޓިންއަށް ވުރެ އިޚްލާސްތެރި ރައްދެއް އެމެރިކާއަށް ދެއްވި ލީޑަރަކު ނެތް ކަމަށާއި ތަހުޒީބީ ގޮތަކީ ޕޫޓިން ދެއްވި ޚިޔާލު އެމެރިކާއިން ބަލައިގަތުން ކަމަށެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާންގް ވެންބިން ވިދާޅުވީ ސުމަކީ އެމެރިކާއަށް ގަބޫލުރަން ދަތި ނަތީޖާއެއް ނަމަ ދެން މާކްސް ދެވެން އޮތީ އެއަށް ވުރެ ދަށުން ކަމަށެވެ.

އެމެރިކާއަށް ކުރިމަތިވެފައި ހުރި ފާޑު ކިޔުންތަކަށް ދޭނެ ބިނާކުރަނިވި ރައްދެއް ވޮޝިންގްޓަންއަށް ނެތް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހުސް އަތާ ރަށަށް ދާން ޖެހުނީ އެމެރިކާއިން ކަންކުރާ ގޮތަށް އެހެން ބަޔަކު ލައްވައި ކަންކުރަން އުޅުމުން ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑާން ވިދާޅުވީ އަފްޣާނިސްތާންގައި އެމެރިކާ ސިފައިން ކުރި މަސައްކަތަކީ ގައުމެއް ބިނާ ކުރުން ނޫން ކަމަށާއި އެއީ އެމެރިކާއިން އެއްއިރެއްގައި ވެސް ގެންގުޅުނު ވިސްނުމެއް ނޫން ކަމަށެވެ.

އަފްޣާންގައި އެމެރިކާ އާއި ނޭޓޯ ސިފައިން 20 އަހަރު ހޭދަކުރީ ރަނގަޅަށް ކަމަށް ދައްކަން ދައްކާނެ ކިތަންމެ ވާހަކައެއް ހުންނާނެ ކަމަށާއި އެ ވާހަކަތައް ދިގުދަންމަ ދަންމާފަ ވެސް ދެއްކިދާނެ ކަމަށް ވާންގް ވެންބިން ވިދާޅުވި އެވެ.

ވާންގް ވެންބިން ވިދާޅުވީ ޑިމޮކްރަސީއަކީ ހަމައެކަނި އެމެރިކާއަށް ގަބޫލުކުރެވޭ ގޮތް ނޫން ކަމަށާއި ޑިމޮކްރަސީއަކީ އެބަޔަކަށް އެންމެ ކަމުދާ ގޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ދުނިޔޭގެ ހުރިހާ ގައުމަކަށް ކަމުދާ ޑްރެސް ކޯޑެއް ވެސް ނެތެވެ. އެބަޔަކު ހެދުން އަޅަނީ އެބައެއްގެ ސަގާފަތާ އާދަކާދައިގެ މަތިންނެވެ.

އެމެރިކާއިން ގަބޫލުކުރާ ގޮތަށް ހުރިހާ ގައުމަކުން އަމަލު ކުރަން ނުޖެހޭ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އެމެރިކާގެ ޑިމޮކްރަސީ މޮޑެލް ތަރުޖަމާން ސިފަ ކުރެއްވީ އިންސާނެއްގެ ހަށިގަނޑަށް އެހެން މީހެއްގެ ގުނަވަނެއް ލެއްވުމުން ބީރައްޓެހި ގުނަވަން ބަލައިގަތުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމު ދެކޮޅު ހަދާ ހެދުމަށެވެ.

ވާންގް ވެންބިން ވިދާޅުވީ އަފްޣާނުން މިހާރު އެ ފެންނަނީ އެ ނިކަމެތިކަން ކަމަށެވެ. ގިނަދުވަސްތަކެއް ނުވެ އެތައް ބަޔަކު ބަނޑަށް ޖެހޭނެ ކަމަށް ލަފާކުރެވިފައި އޮތްއިރު މުޅި ގައުމު އެއޮތީ ދާޚިލީ ހަނގުރާމައެއްގެ ކޮޅުމަތީގައި ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ގަބީލާތަކުގެ މެދުގައި ހަމަލާ ބަދަލު ކުރުން އިތުރުވެދާނެ ކަމަށް އޮތް ބިރު ވެސް އެހާ ބޮޑު ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބައިނަލްއަގްވާމީ ޖަމާއަތުން އަަފްޣާންނަށް އަވަސް އެހީ ފޯރުކޮށް ދޭނެ ޖެހޭ ކަމަށާއި އެމީހުންނަށް އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ.