ދުނިޔެ

އެމެރިކާ އަރައިފި ތަނެއް ވަނީ ހަލާކު: ޕޫޓިން

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އެމެރިކާއަށް ފާޑުވިދާޅުވެއްޖެ އެވެ. ޕޫޓިން ވިދާޅުވީ އަފްޣާނިސްތާންގައި 20 އަހަރު ހޭދަކޮށް އެމެރިކާ ފައިބައިގެން އެ ދިޔައީ މުޅި ގައުމު ހަލާކުކޮށްފައި ކަމަށެވެ.

ޕޫޓިން ވިދާޅުވީ އެމެރިކާ އަރައިފި ތަނެއް ފަނާވުން ނޫން ކަމެއް ނުވާ ކަމަށާއި ބިނާކުރަން ދަންނަ އެކަކު ވެސް އެމެރިކާގައި ވެރިކަން ނުކުރާ ކަމަށެވެ.

"އަފްޣާންގައި އެމެރިކާ ހޭދަކޮށްފައި ވަނީ ކުރު މުއްދަތެއް ނޫން،" ޕޫޓިން ވިދާޅުވި އެވެ.

"20 އަހަރު ހޭދަކޮށްފައި އެދިޔައީ. ކުރެވުނު ކަމެއް ހަރާން. ނިޔަތްގަތްހައި ކަމެއްވީ ފޭލި" ޕޫޓިން ވިދާޅުވީ އަފްޣާން މިއަދު އެއޮތީ ޒަމާންތަކެއް ފަހަތުގައި ކަމަށެވެ.

"އެމެރިކާ އަކީ އަބަދުވެސް ފޮނި ވާހަކަދައްކާ ބައެއް،"

ޕޫޓިން ވިދާޅުވީ އަފްޣާނުން ޓެރަރިޒަމް ނައްތާލާނެ ކަމަށާއި އަފްޣާންގެ ރައްޔިތުންނަކީ ތަހުޒިބީ ބަޔަކަށް ހަދާނެ ކަމަށް އެމެރިކާ ބުނި ކަމަށެވެ. އެކަމަކު އެމެރިކާގެ ވިސްނުމާ އެއްގޮތަށް އަފްޣާންގައި އެއްވެސް ކަމެއް ނުކުރެވުނު ކަމަށެވެ. ގައުމު ތަރައްގީކުރުމާއި ޖަމިއްޔާތަކާއި މުޅި މުޖުތަމައު ހަމައަކަށް އަޅުވާނެ ކަމަށް އެމެރިކާ ބުނި ކަމަށް ޕޫޓިން ވިދާޅުވި އެވެ.

އެމެރިކާ އަކީ އަބަދުވެސް އެހެން މީހުން ކަންކުރަން ޖެހޭ ގޮތް ކިޔައިދޭ ބައެއް ކަމަށާއި އެމީހުންނަށް ކަމެއް ޖެހުނީމާ ދަނީ ފަނުފުލުން ކަމަށް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން އިތުރަށް ވިދާޅުވީ އެމެރިކާގައި ވެސް ދިރިއުޅެނީ އިންސާނުން ކަމަށާއި އަފްޣާން އަކީ އިންސާނުން ދިރިއުޅޭ ގައުމެއް ކަމަށެވެ. އަދި ވިދާޅުވީ ބާރެއް ނެތް ބައެއްގެ މައްޗަށް ވެރިވެގަނެ މުޅިތަން ޚަރާބުކޮށް ދާއިރު ލަދެއް ހަޔާތެއް ވެސް ނެތް ކަމަށެވެ.