ތާލިބާނުން އަފްޣާނަށް ވެރިވެގަނެ ބަންދުކޮށްފައި ހުރި ޕާސްޕޯޓް އޮފީސް ހުޅުވައި ޚިދުމަތްދޭން ފަށައިފި އެވެ.
މިއީ އަފްޣާނުން ނުކުމެވޭނެ ގޮތެއް ނެތި ބަންދުވެފައި ތިބި އެތައްހާސް ބަޔަކަށް ލިބުނު ވަރަށް ބޮޑު އުންމީދަކަށް ވަނީ ވެފަ އެވެ.
ތާލިބާނުން ކުރިން ބުނެފައި އޮތް ގޮތުން މަސައްކަތް ދަންނަ މީހުން ޚިދުމަތަށް ނުކުންނަންވީ އެވެ. އެމީހުންނަށް އެއްވެސް ހުރަހެއް ނޯންނާނެ އެވެ. އަދި ބޭރު ގައުމުތަކަށް ވަޒީފާއަށް ދާން އެދޭނަމަ ފެންވަރު ހުރި ކޮންމެ މީހަކަށް އެ ފުރުސަތު ދޭނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ޕާސްޕޯޓް ޑިޕާޓްމަންޓް ދޮށުގައި މީހުން އޮތީ ތޮއްޖެހިފަ އެވެ. އަފްޣާނުން ބޭރުވުމަށް ޕާސްޕޯޓް ސައްހަކުރުމަށާއި ޓްރަވެލް ޑޮކިޔުމަންޓެއް ހޯދަން ގޮސް ތިބި މީހުންގެ ކިޔޫ ކޮޅުނުފެންނަހާ ދިގެެވެ.
އެމެރިކާ އާއި ވިލާތު ސިފައިން އަފްޣާންގައި ތިބި ދުވަސްވަރު އެ މީހުންނަށް އެހީތެރިވި އަފްޣާން ރައްޔިތުންނާ މެދު ތާލިބާނުން އިހާނެތިކޮށް ހިތާނާނެކަން އޮތީ އެނގިފަ އެވެ. އެހެންވެ ތަރުޖަމާނުންގެ ގޮތުގައި ބޭރު ގައުމުތަކުގެ ސިފައިންނަށް އެހީތެރިވެދިން މީހުންނާއި އަދި އެފަދަ އެހެން ގޮތަކަށް އެހީތެރިވި އެތައް ބަޔަކު އަދިވެސް އަފްޣާންގައި އެބަ ތިއްބެވެ.
ޕާސްޕޯޓް އޮފީސް ހުޅުވުމާ އެކު ގައުމުން ބޭރުވެވޭތޯ މަސައްކަތްކުރާ މީހުންގެ ތެރޭގައި ބޭރު ގައުމުތަކުގެ ސިފައިންނަށް އެހީތެރިވި މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން އޭއެފްޕީއާ ދިމާވި ބައެއް މީހުން ބުނާ ގޮތުން އެމީހުން އުޅެނީ ވަރަށް ބޮޑަށް ފިލައިގެންނެވެ. އަދި ޓްރަވެލް ޑޮކިޔުމަންޓެއް ހޯދުމުގައި ވެސް ތާލިބާނުންނަށް ފޮރުވިގެން އުޅެންޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
ތާލިބާނުންގެ ވެރިކަމުގައި އަފްޣާންގައި ކަނބަލުންނަށް ވަޒީފާ އަދާނުކުރެވޭ ކަމަށް ބުނެވުނު ނަމަވެސް ތާލިބާނުން ބުނާ ގޮތުން އެއީ ދޮގެކެވެ.
ފާސްޕޯޓް އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި އާދަމް ގުލް ހައްގާނީ ވިދާޅުވީ ޕާސްޕޯޓް އޮފީހުގައި މަސައްކަތްކުރަނީ އަންހެން / ފިރިހެން ދެ ގޮތްޕަށް ބަހާލައިގެންނެެވެ.
ކަނބަލުންނަށް ޕާސްޕޯޓް ހަދައިދޭން ތިބެނީ ކަނބަލުން ކަމަށް އާދަމް ގުލް ހައްގާނީ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުން ޕާސްޕޯޓް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ވެސް ބަރާބަރަށް ދެ އެވެ.