ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލަންކާގެ ގުޅުން އިތުރަށް ވަރުގަދަ ކުރާނަން: ރައީސް

ދިވެހިރާއްޖެއާއި ސްރީލަންކާގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ސްރީލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރާތުގަ އެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު ކޮލަމްބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގަ އެވެ.

ދެ ދެބޭފުޅުން ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ފެސިލިޓީތަކަށް ބުރަނުވާނެ ގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި ކޮވިޑުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ބޭފުޅުން ވެސް ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 72.97 އިންސައްތަ މީހަކު ވަނީ މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި 59.07 އިންސައްތަ މީހަކު ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ކޮވިޑާއި ގުޅިގެން ރާއްޖެ އަށް ފަތުރުވެރިން އައުން ހުއްޓާލައި ބޯޑަރު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކަށްފަހު އަލުން ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި ގައެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއަށް 700،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ދެބޭފުޅުންގެ ބައްދަލުވުން ނިންމަވާލައްވަމުން ވަނީ ރާއްޖެއާއި ލަންކާގެ ގާތް ގުޅުމުގެ މައްޗަށް ވާހަކަދައްކަވާފަ އެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި ވަރުގަދަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި މިބައްދަލުވުމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގާއި، ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވި އެވެ.