އަފްޣާނިސްތާންގެ މަސްރަހު ތާލިބާނުންނާ ހެދި ހަރާބުވެފައި އޮތުމުން އަރާފާނެ ހަމަލާއަކުން ރައްކާތެރިވުމަށް ދިފާއީ ފިޔަވަޅެއް ގޮތުން ރަޝިއާއިން އަފްޣާން ބޯޑަރު ސަރަހައްދަށް ބަރުހަތިޔާރާއި އަސްކަރީ އުޅަނދުތައް ޖަމާ ކުރަން ފަށައިފި އެވެ. އެގޮތުން ތަޖިކިސްތާންގައި ހުންނަ ރަޝިއާގެ އަސްކަރީ މަރުކަޒަށް ބައެއް ސާމާނު ގެންގޮސްފި ކަމަށް ޚަބަރުތައް ބުނެ އެވެ.
ރަޝިއާއިން އަސްކަރީ މަރުކަޒުތައް އަފްޣާން-ތަޖިކިސްތާން ބޯޑަރާ ގާތުގައި ބިނާ ކޮށްފައި ހުރެ އެވެ. ރޮއިޓާސްއިން ބުނީ ރަޝިއާ ސިފައިން އެ ސަރަހައްދުގައި އަވަދި ނެތި އުޅެނިކޮށް ފެނިފައިވާ ކަމަށެވެ. ރޮއިޓާސްއިން މިކަމާ ގުޅުން ހުރި ވީޑިއޯއެއް ވެސް ވަނީ ޕޯސްޓް ކޮށްފަ އެވެ.
ތާލިބާނުން ބުނާ ގޮތުން އަފްޣާންގެ ބޮޑު ސަރަހައްދެއް އޮތީ އެ ބައިގަނޑުގެ އަތްދަށުގަ އެވެ. ޕާކިސްތާނާއި އަފްޣާން އަދި އަފްޣާން-ތަޖިކިސްތާން ބޯޑަރު ގުޅޭ ސަރަހައްުދުގައި ތާލިބާނުން ބާރު ގަދަކޮށް ދަނީ ނުރައްކާ ކުރަމުންނެވެ.
އަފްޣާނާއެކު އެއްބޯޑަރު ހިއްސާކުރާ ގައުމުތަކުން ބުނާ ގޮތުން ބޯޑަރު ހުރަސްކޮށް ދަރުތުކުރާ ރެފިއުޖީންނާއި ހަނގުރާމަވެރިންގެ ނުރައްކަލުން އާންމުން ސަލާމަތް ކުރުމަށް ބޯޑަރު ގާޑުކޮށް ބަލަހައްޓާނެ އެވެ. ތާލިބާނުން ދީފާނެ ޖެހިލުން ކުޑަ ހަމަލާއަކުން ރައްކާތެރިވުމަށް، ހާލަތަށް ބަލައި އަސްކަރީ ފައުޖުތައް ރުކުރުވާލާނެ އެވެ.
ރަޝިއާއިން އަސްކަރީ ފައުޖުތައް ސަމާލު ކަމަށް ގެންނައިރު ތަޖިކިސްތާނުން ވެސް ވަނީ އަސްކަރީ ފައުޖުތަކަށް ގޮވާލާފަ އެވެ. އަދި ދިފާއީ ހަރަކާތްތަކަށް ތައްޔާރުވުމަށް ތަމްރީންވުމަށް އޮތީ އަންގާފަ އެވެ.
ތާލިބާނުންގެ ތަރުޖަމާން ޒަބީބުﷲ މުޖާހިދުއާ ހަވާލާދީ ރަޝިއާ މީޑިއާއިން ބުނި ގޮތުން ތަޖުކިސްތާނާއި އުޒްބަކިސްތާނާއި ތުރުކްމެނިސްތާން އަދި އީރާން ބޯޑަރު ސަރަހައްދުން ބޮޑު ބައެއް މިހާރު އޮތީ ތާލިބާނުންގެ ކޮންޓްރޯން ދަށުގަ އެވެ. އެހެން ނަމަވެސް މިއީ އަދި ސައްހަކަން ކަށަވަރު ކުރެވިފައި އޮތް ބުނުމެއް ނޫނެވެ.