މިސްބާހު މުހައްމަދު

ގެއްލިގެން އުޅުނު މިސްބާހު ރާއްޖެ އަތުވެއްޖެ

ރާއްޖެއަށް އެތެރެކުރި ޑްރަގް ވިއްކުމަށް ފަހު އަނބުރާ ބޭރަށް ފައިސާ ފޮނުވަންދެން ޕާކިސްތާނުގައި ރަހީނުކޮށްފައި ބެހެއްޓި މިސްބާހު މުހައްމަދު މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ވީ ނުވީއެއް ނޭނގި ގެއްލިގެން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހޯދަން އިއުލާންކުރި މިސްބާހު ރާއްޖެއައީ އަމިއްލައަށް ކަަމަށް ފުލުހުން ބުނެ އެވެ.

" ޕާކިސްތާނުގެ ލާހޫރުން ލަންކާގެ ކޮލަމްބޯގަ ޓްރާންސިޓްކޮށްފަ މިއަދު ހެނދުނު މާލެ އައީ" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

މިސްބާހު މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ. އަދި އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މިސްބާހު ޕާކިސްތާނަށް ދިއުމާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ވެސް ބަލަމުންދާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނީ މިސްބާހު މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހު ރާއްޖެއިން ދުބާއީއަށް ދަތުރުކުރި ކަމަށެވެ. އޭނާ ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔުއާ އެކު ކަމަށެވެ. އަދި އިރުފާން ތަގިއްޔު ވަނީ ނޮވެމްބަރު 22. 2020 ވަނަ ދުވަހު އެމިރޭޓްގެ EK656 ނަންބަރު ފްލައިޓުން އެނބުރި ރާއްޖެ އައިސްފައި ކަމަށާ ނަމަވެސް، އިރުފާން ތަގިއްޔުއާއެކު މިސްބާހް މުހައްމަދު އައިސްފައެއް ނުވާ ކަމަށެވެ. އަދި މިސްބާހް މުހައްމަދު ނޮވެމްބަރު 23، 2020 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަހުގީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށް ވަނީ ބުނެފައެވެ.