މިސްބާހު މުހައްމަދު

މިސްބާހުގެ ވާހަކަތައް ގަބޫލެއް ނުކުރަން: އާއިލާ

Jun 8, 2021

ރާއްޖެ އެތެރެކުރި ޑުރަގު ވިއްކާފައި ފައިސާ ފޮނުވަން ދެން ޕާކިސްތާނުގައި ރަޙީނު ކޮށްފައި ހުރި -- ފުލުސް ބުނާ ގޮތުން ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ -- މިސްބާހު މުހައްމަދުގެ ދައުރުވަމުންދާ ވީޑިއޯކޮޅުގައި ދައްކާފައި ހުރި ވާހަކަތައް ގަބޫލު ނުކުރާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އާއިލާގެ ފަރާތުން އަވަސްއަށް މައުލޫމާތު ދިން މީހަކު ބުނީ މިސްބާހަކީ ފުޅާ ދާއިރާއެއްގައި ޑްރަގުގެ ވިޔަފާރި ކުރާ މީހެއް ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ވެސް ބޭނުންކުރާ މީހެއް ކަމަށެވެ. އެހެން ކަމުން އޭނާ ޑްރަގް ނެޓްވޯކަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނާ ވާހަކަތައް އާއިލާއިން ގަބޫލު ނުކުރާ ކަމަށެވެ.

އޭނާ ބުނީ ވީނުވީއެއް ނޭނގި މިސްބާހު ގެއްލުނު ފަހުން މިހާތަނަށް އާއިލާއަށް އެއްވެސް ހަބަރެއްވެފައި ނުވާ ކަމަށާއި ފުލުހުންނަށް ރިޕޯޓް ކުރީ ވެސް އެހެންވެގެން ކަމަށެވެ. މިސްބާހު ޕާކިސްތާނުގައި ރަހީނުކޮށްފައި ނެތްނަމަ އާއިލާއަށް ހަބަރު ނުވާންވީ ކީއްވެގެން ތޯ ވެސް އާއިލާ އިން ވަނީ ސުވާލު އުފައްދަ އެވެ.

އިއްޔެ އާންމު ކޮށްފައިވާ ވީޑިއޯގައި މިސްބާހް ބުނެފައި ވަނީ އޭނާ އަކީ ޑްރަގުގެ އެއްވެސް ނެޓްވޯކަކާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށާއި އޭނާއާ ޑްރަގާ ގުޅުވައިގެން ފުލުހުން ދީފައި ވަނީ ދޮގު މައުލޫމާތު ކަމަށެވެ. ނަމަވެސް އެ ވާހަކަތައް ފުލުހުން ވެސް ވަނީ ދޮގު ކޮށްފަ އެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ މިސްބާހާ ގުޅޭ ގޮތުން އާންމު ކޮށްފައި ވަނީ ތެދު މައުލޫމާތު ކަމަށެވެ. އަދި ފުލުހުން އާންމުކުރި މައުލޫމާތާ ގުޅޭ ހެކި ވެސް ފުލުހުންގެ އަތުގައި އެބަހުރި ކަމަށެވެ.

ފުލުހުން މިސްބާހު ހޯދަން ފެށީ އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް އެންގުމުންނެވެ. އޭނާ ހޯދަން އިއުލާނެއް ކުރީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.