މިސްބާހު މުހައްމަދު

މިސްބާހާ ގުޅޭގޮތުން ދިނީ ތެދު މައުލޫމާތު: ޕޮލިސް

ޕާކިސްތާނުގައި ރަޙީނުކޮށްފައި ހުރި -- ފުލުސް ބުނާ ގޮތުން ރަހުނުގެ ބަހައްޓާފައި -- ހުރި ހދ. ނޮޅިވަރަންފަރު / މޯނިންގްސަން، މިސްބާހު މުހައްމަދާ ގުޅުވައި އާންމު ކުރި މައުލޫމާތަކީ ތެދު ކަމަށާއި ހެކި އެބަހުރި ކަމަށް ފުލުސް އިދާރާއިން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ އޭނާއާ ގުޅޭ ގޮތުން ފުލުހުން އާންމު ކޮށްފައިވާ މައުލޫމާތަކީ ދޮގު ކަމަށް ބުނެ މިސްބާހު އިއްޔެ ވީޑިއޯއެއް އާންމު ކުރުމުންނެވެ. އެ ވީޑިއޯކޮޅުގައި މިސްބާހް ބުނެފައިވަނީ އޭނާއަކީ ޑްރަގުގެ އެއްވެސް ނެޓްވޯކަކާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށާއި އޭނާއާ ޑްރަގާ ގުޅުވައިގެން ފުލުހުން ދީފައި ވަނީ ދޮގު މައުލޫމާތު ކަމަށެވެ.

އަވަސް އިން މިއަދު ސުވާލު ކުރުމުން ފުލުސް މީޑިއާ އޮފިޝަލަކު ވިދާޅުވީ މިސްބާހާ ގުޅޭ ގޮތުން އާ ންމު ކޮށްފައި ވަނީ ތެދު މައުލޫމާތު ކަމަށެވެ. އަދި ފުލުހުން އާންމުކުރި މައުލޫމާތާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށެވެ.

އާންމު ކޮށްފައިވާ ވީޑިއޯ އިން ފެންނަނީ މިސްބާހު ކަމަށް ޔަގީން ކުރެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އެ ވީޑިއޯ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފުލުހުން މިސްބާހު ހޯދަން ފެށީ އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް އެންގުމުންނެވެ. އޭނާ ހޯދަން އިއުލާންކުރީ މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ފުލުހުން ބުނެފައި ވަނީ އުމުރުން 25 އަހަރުގެ މިސްބާހު ހުރީ ޕާކިސްތާނުގައި ކަމަށެވެ. ނޮވެމްބަރު 11، 2020 ވަނަ ދުވަހުގެ ރޭ ފްލައި ދުބާއީގެ ބޯޓަކުން ދުބާއީއަށް މިސްބާހު ގޮސްފައިވާ ކަމަށް އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާ ކަމަށެވެ.

ފުލުހުން ބުނާ ގޮތުން އޭނާ ދުބާއީއަށް ދިޔައީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތަކެއް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔާއެކު އެވެ. އޭގެ ފަހުން އިރުފާނު ރާއްޖެ އައީ އެވެ. އަދި ފަހުން މިސްބާހް ދުބާއީން ޕާކިސްތާނަށް ދިޔައީ އެވެ. އޭނާ ޕާކިސްތާނަށް ދިޔައީ ރާއްޖެ އެތެރެ ކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން އިރުފާނަށް މަސްތުވާތަކެތި ފޮނުވި ބޭރުގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި "ގެރެންޓަރާ" އެއްގެ ގޮތުގައި ހުރުމަށެވެ.

ނަމަވެސް އިރުފާން ވަނީ ޑިސެމްބަރު 8، 2020 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ ގެނައި 72 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ ތުހުމަތަށް ހައްޔަރު ކޮށްފަ އެވެ.