ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުނަށް އެހީވާން ވަގުތީ ގޮތުން ރެޖިސްޓާޑް ނަރުހުން ހޯދަން އައިޖީއެމްއެޗުން އިއުލާނު ކޮށްފި އެވެ.
އައިޖީއެމްއެޗުން ކުރި އިއުލާނުގައި ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީ އާއި ކޮވިޑް ބައްޔަށް ފަރުވާދޭ އެހެނިހެން ތަންތަނުގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓާޑް ނަރުހުން ބޭނުންވާ ކަމަށެވެ. އެގޮތުން 36 ނަރުހުން ބޭނުންވާ ކަމަށް އެ އިއުލާނުގައި ބުނެ އެވެ.
އެމީހުން މަސައްކަތް ކުރަން ޖެހޭނީ ވަނީ ހަފުތާއަކު ފަސް ދުވަހު ދުވާލަކު އަށް ގަޑިއިރު އެވެ. މަހު މުސާރައިގެ ގޮތުގައި 9060ރ. ދޭނެ އެވެ. އިތުރު އެލަވަންސްގެ ގޮތުގައި ދުވާލަކު 188ރ. ދޭނެ އެވެ. ނަރުސް ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓް ފަސް ވަނަ ދުވަހެވެ.
ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދޭން ހާއްސަކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ނަރުހުން ތިބެން ޖެހޭ ސްޓޭންޑެޑް އަދަދަށް ނަރުހުން ނެތް ކަމަށް އެ ފެސިލިޓީ ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި ހުޅުމާލޭ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ ނަރުހުންގެ ތެރެއިން 40 ޕަސެންޓް ނަރުހުން ހާއްސަކޮށްފައި ވަނީ ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމާއި އެހީތެރިވެ ދިނުމަށެވެ. އެހެން ނަރުހުން ވެސް މެޑިކަލް ފެސިލިޓީގައި ދަނީ މަސައްކަތް ކުރަމުންނެވެ.