ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް މ. މުރައިދޫގެ އަދި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ދިރިއުޅުއްވުމަށް ރެހެންދި އެޕާޓްމަންޓް ކޮމްޕްލެކްސް އިން އެޕާޓްމަންޓެއް ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ މުރައިދޫގެއާއި ރެހެންދި ފްލެޓެއް ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ހާއްސަ ކުރީ ވަގުތީ ގޮތުން ކަމަށެވެ.
"މިއީ ސެކިއުރިޓީއާ ގުޅޭ ކަމެއް ކަމަށްވާތީ މިއިޝޫގައި އިތުރު އެއްޗެއް ދަންނަވަން ދަތި. އެމްއެންޑީއެފްއާއި ޕްލޭނިން މިނިސްޓްރީން އިތުރަށް މައުލޫމާތު ހިއްސާކުރާނަމަ އެކަން ކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންގެވުމާ ގުޅިގެންނެވެ.
އެ ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖައްސަމުން މިދަނީ ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އިސްލާހުކުރުމަށްފަހު އެވެ.
އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ހަމަޖައްސާ ތަނަކަށް ހިނގާނެ ހަރަދާއި މުވައްޒަފުން ހަމަޖެއްސުމަކީ އިސްލާހުގައިވާ ގޮތުން އެ ދެ ބޭފުޅުން ނިސްބަތްވާ ދައުލަތުގެ މުއައްސަސާތަކުން ހަމަޖައްސައިދޭން ޖެހޭ އިންތިޒާމުތަކެކެވެ. އެއީ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އެވެ.
މި ދެ އިސްލާހުގެ ބަހުސްގައި މަޖިލީހުގެ ބައެއް މެންބަރުން ވަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އަލުން ރިޔާސީ ގަނޑުވަރަކަށް ބަދަލުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެތަނަށް ބަދަލުކުރުމަށްވެސް ހުށަހަޅުއްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އެ ބޭފުޅުންގެ އަމިއްލަފުޅު ގޭގަ އެވެ.