ތިމާވެށި

ގަސްތައް ކެނޑީ ހުއްދަ ލިބިގެން: އެންސީއޭ

އޮލިމްޕަސް ގޯތިތެރޭގައި ހުރި ގަސްތައް ކެނޑީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ލިބިގެން ކަމަށް ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

ގަސްތައް ކަނޑާލައި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން އެންސީއޭ އަށް ބައެއް މީހުން ގެންދަނީ ފާޑުކިޔަމުންނެވެ.

އެންސީއޭ އިން ބުނީ ގަސްތައް ކަނޑާލަން ޖެހުނީ އެ ގަސްތަކުގެ މޫތަކުގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެވެ. އަދި އެ ގަސްތައް ކެނޑުމަށް ބޭނުންވާ ހުއްދަ ވެސް އީޕީއޭ އިން ހޯދާފައި ވާނެ ކަމަށެވެ.

ކަނޑާލި ގަސްތަކުގެ ބަދަލުގައި އިތުރު ގަސްތަކެއް އިންދުމަށް އެންސީއޭ އިން ވަނީ ނިންމާފަ އެވެ.

"އީޕީއޭގެ ލަފައާ އެއްގޮތަށް މި ގަސްތަކުގެ ބަދަލުގައި އިތުރު ގަސް އިންދުމަށް ވަނީ ހަމަޖެހިފައި،" އެންސީއޭ އިން ކޮށްފައިވާ ޓްވީޓްގައިވެ އެވެ.

އެންސީއޭ އިން އަންނަނީ މިދިޔަ އަހަރުން ފެށިގެން އޮލިމްޕަސް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މާލޭގައި ކޮވިޑްގެ ހާލަތު ގޯސްވުމުން އޮލިމްޕަސް ވަނީ ބަންދުކޮށްފަ އެވެ. އެޗްޕީއޭ އިން މިހާރު ލުއިތަކެއް ދީފައިވީ ނަމަވެސް އޮލިމްޕަސް އަލުން ހުޅުވާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އިމާރާތްކުރި، އޮލިމްޕަސް އިމާރާތް މީގެ ކުރިން ވެސް އެކި ފަހަރުމަތިން މަރާމާތުކޮށްފައިވެ އެވެ. ނަމަވެސް އެތަނަށް ޒަމާނީ ބަދަލުތައް ގެނެސްފައި ނުހުންނާތީ ފަންނާނުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެ އެވެ.