ރައީސް މުހައްމަދު ނަޝީދު

ބަޔާނަކަށް ދައްކަން އޮތީ އަޅުގަނޑުގެ ޖާނު: ނަޝީދު

Jul 25, 2021
6

ހައެއްފަހެއްގެ ހަމަލާ އާއި ގުޅިގެން ބަޔާނެއްގެ ގޮތުގައި ދައްކަން އޮތީ އަމިއްލަފުޅު ޖާނު ކަމަށް ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައެއްް ފަހެއްގެ ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބަހަކަށްވެސް ބަޔާނަކަށްވެސް ދައްކަން އޮތީ އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

"ޝާއިރު ވިދާޅުވި ފަދައިން ހިތާ މޭ ހިބައިން ލިޔެ ދިނީމަވެސް ނުވީ ނޫންތޯ؟" ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ރޭ ވިދާޅުވެފައި ވަނީ މިހާތަނަށް ލިބިފައިވާ ބައެއް މައުލޫމާތުތައް އިތުރަށް ޔަގީން ކުރުމުގެ ގޮތުން ރައީސް މުހައްމަދު ނަޝީދުގެ ބަހެއް ބޭނުންވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެމަނިކުފާނުގެ ބަހެއް އަދި ތަހުގީގަށް ލިބިފައި ނެތް ކަމަށެވެ.

ރިޔާޒު ވިދާޅުވީ ރައީސް ނަޝީދު މާލޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މައްސަލާގައި ބަޔާން ނަގަން މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެވަގުތު އެމަނިކުފާނު އެކަމަށް އިއުތިރާޒް ކުރެއްވި ކަމަށެވެ.

އޭގެ ފަހުން މި މައްސަލާގައި ދައުވާކުރުމަށްޓަކައި ޕްރޮސެކިއުޝަން ފައިލް ތައްޔާރު ކުރަމުން ދިޔައިރުވެސް އެމަނިކުފާނުގެ ބަހެއް ހޯދަން އެދުނު ކަމަށް އޭސީޕީ ރިޔާޒް ވިދާޅުވި އެވެ. އަދި ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވުމާއެކު ކޮންމެހެން ތަހުގީގަށް ބަޔާނެއް ދެއްވަން ދަތިފުޅުވާނަމަ ސިޓީއަކުން ނުވަތަ އީމެއިލްއަކުން ނަމަވެސް ބަހެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވި ކަމަށްވެސް ރިޔާޒު ވިދާޅުވެފައިވެ އެވެ.