ރައްޔިތުންގެ މަޖިލީހަށް މިނިވަންކަމާއެކު ހިޔާލު ފާޅު ކުރުމުގެ ފުުރުސަތު ހޯއްދަވައި ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އެހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ބައިވެރި ވަޑައިގެން މިއަދު އެވެ.
ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަމުގައި ފަރުދީ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޯންނަ ކަމަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ އެފަދަ ވާހަކަތައް މީހުން ދައްކަނީ ހަގީގަތް ނުބަލާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިނިވަންކަމުގެ ވާހަކަ ދައްކާއިރު ދެކޮޅު ވެސް އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން އެއްވެސް ހުރަހެއް ނެތި ހިޔާލު ފާޅުކުރުމުގެ ފުރުސަތު އޮތުމުން މީހަކު ބުނާ އެއްޗަކުން އެހެން މީހަކަށް އަސަރުކޮށް ބަދުނާމް ވާނެތީ އެމީހާގެ ހައްގު ވެސް ރައްކާތެރި ކޮށްދޭން ޖެހޭނެ ކަމަށެވެ.
"އޭރު އޮތް އަޅުގަނޑު ހަވާލުވީއިރު ގާނޫނީ އުގޫބާތުގެ 38 ވަނަ މާއްދާ. ވަރަށް އެހެން ކަކަހަލަ މާއްދާއެއް. އެ މާއްދާގައި ބުނަނީ ގާނޫނީ ސަރުކާރާ ބެހޭ ގޮތުން މީހަކު ދައްކާ ވާހަކައަކުން ސަރުކާރާ ދޭތެރޭ ދިވެހި ރައްޔިތެއްގެ ހިތުގައި ރުޅިވެރިކަން އުފެދޭ ގޮތް ވެއްޖިއްޔާ އެއީ ކުށެކޭ. އެ ކުށުގެ އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުން އަރުވާލުން މިކަހަލަ ކަންތައް މި އޮންނަނީ. އެ މީހުންނަށް އެ އޮންނަނީ ވަރަށް ބޮޑަށް ހިފަހެއްޓިފައި. އެެހެންވީމާ އަޅުގަނޑު އައިސް އެ މާއްދާ އުވާލީ." މައުމޫން ވިދާޅުވި އެވެ.
ހަމަ އެހެންމެ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރައްޔިތުންގެ މަޖިލީހަށް ވެސް ފުރިހަމަ މިނިވަންކަން ނެތްކަން އެމަނިކުފާނު ސާފު ކޮށްދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގައި މިނިވަންކަމާއި ވާހަކަ ދައްކައި ބޭނުން ގޮތަކަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު އޮތް ނަމަވެސް ކުރިން އެކަން އޮތީ ދިމާ އިދިކޮޅަށެވެ.
"އޭގެ ކުރިން ވާގޮތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވޯޓު ދެއްވާ ގޮތަކުން އަޅުގަނޑުގެ ހަޔާތުގައި ދުށިން އެ އަހަރު ހުށަހެޅުނީ ސަރުކާރުގެ ބަޖެޓު. ކޮންމެވެސް ދެ މެމްބަރަކު ވޯޓު ނުދެއްވާ ހުރީ. އަނެއް ދުވަހު ހެދުނު އެ ދެ ބޭފުޅުން އަރުވާލައިފި. އެއީ މިނިވަންކަން އޮތް ވަރަކީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
ނަމަވެސް ރައީސް މައުމޫން ވެރިކަމާ ހަވާލުވިތާ ދެތިން މަސް ތެރޭ އެމަނިކުފާނު އަމިއްލައަށް ޑްރާފްޓްކުރައްވައި ބިލެއް ހުށަހަޅުއްވައި ފާސްކޮށް އެކަން ނިމުމަކަށް ގެންނެވި އެވެ. އެއާއެކު މަޖިލީހުގެ މެމްބަރުންނަށް "އިމިއުނިޓީ" ލިބި މަޖިލީހުގެ ތެރޭގައި މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިވަޑައިގެންނެވި ކަމަށެވެ.