އެމްއާރުއެމް

އެއްވުން ހަނިކުރި އިސްލާހުތައް އުވާލުން އަވަސްކުރަން ގޮވާލައިފި

Mar 24, 2022
2

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް އުވާލުން އަވަސް ކުރުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.

އެމްއާރްއެމް އިން މިކަމަށް ގޮވާލީ "ނޭވާހޮޅިއަށް" ނަމުގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މާދަމާ ބާއްވާ ބޮޑު އެއްވުން އިންތިޒާމު ކުރާ ފަރާތަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އެ އެއްވުން ނުބޭއްވުމަށް އަންގާ ފުލުހުންގެ އިދާރާއިން ޓްވިޓާގައި އާންމުކުރި ބަޔާނާ އެކު ކޮށްފައިވާ ޓްވީޓެއްގަ އެވެ.

އެމްއާރްއެމް އިން ބުނީ މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ އެ ޕާޓީން ބަލައި ނުގަންނާނެ އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.

ވަކި ޕާޓީއެއްގެ ނަން އެމްއާރްއެމްގެ ޓްވީޓްގައި ބުނެފައި ނުވި ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ކޯލިޝަން ފިޔަވާ އެހެން ބަޔަކު މާދަމާ މުޒާހަރާއެއް ރަސްމީކޮށް އިންތިޒާމުކޮށް އެކަން އިއުލާންކޮށްފައެއް ނުވެ އެވެ. އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަށް އެމްއާރްއެމް އިން ތާއީދެއް ނުކުރެ އެވެ.

އެމްއާރްއެމް އިން އިތުރަށް ބުނީ އެއްވެއުޅުމުގެ ގާނޫނުން ލިބިދޭ ހައްގުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016 ވަނަ އަހަރު ގާނޫނަށް ގެނައި ބަދަލުތައް އުވާލުމަކީ މި ސަރުކާރު ކޯލިޝަނުން އެއްބަސްވެފައި އޮތް ކަމެއް ކަމަށެވެ. އެއީ ރައްޔިތުންނަށް ވީ ވައުދަކަށްވާތީ އެކަން ސަރުކާރަށް ހަނދާންކޮށްދީން އެކަން އަވަސްކުރުމަށް އެމްއާރްއެމް އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ގޮވާލާފަ އެވެ.

ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައިވާ ގޮތުން ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވެ އެވެ. އެކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި ޖެނުއަރީ 10، 2013ގައި ތަސްދީގު ކުރެއްވި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނަށް އެމަނިކުފާނު ވަނީ 2016 ވަނަ އަހަރުގެ ތެރޭގައި މުޒާހަރާ ކުރުން ހަނިވާ ގޮތަށް މަޖިލިސް މެދުވެރިކޮށް ގާނޫނު އިސްލާހުކޮށްފަ އެވެ.

އެއްވެ އުޅުމުގެ ގާނޫނު މިހާރު އޮތް ގޮތުން މާލޭގައި މުޒާހަރާ ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގަ އެވެ. އިތުރު ތަނެއްގައި މުޒާހަރާ ކުރަން ބޭނުންވާ ނަމަ ދުރާލައި ފުލުހުންނަށް ހުށަހަޅައި ފުލުހުންގެ ހުއްދަ ލިބިގެން ނޫނީ މުޒާހަރާ ނުކުރެވޭނެ ކަމަށްވެސް ގާނޫނުގައި މިހާރު ބުނެފައިވެ އެވެ.