މޯލްޑިވްސް ނޭޝަނަލް ޕާޓީ

2023ގައި ވާދަކޮށް ކާމިޔާބު ހޯދާނަން: ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދުމަށް ކަމަށް އެމްއެންޕީގެ އެއް ފައުންޑާ އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ނަމުގައި މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުން ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ކެންޑިޑޭޓެއް ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ކަމަށާއި އަދި އެ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކަށް 2023 ވަނަ އަހަރާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް. އަޅުގަނޑަށް އެބަފެނޭ ﷲއިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އަޅުގަނޑުމެން ޕާޓީގެ ކެންޑިޑޭޓުން ހުވާކުރައްވާނެ މަންޒަރު،" ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް އެ ޕާޓީގެ ފަރާތުން ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ބޭފުޅަކާ މެދު ވަކި އެއްޗެއް ނާޒިމް ވިދާޅުވެފައެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ ރިޔާސީ ޓިކެޓް ދޭނީ ޕާޓީން ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް ކަމަށާއި ޕްރައިމަރީގައި އޭނާ ވެސް ވާދަކުރައްވާނެ ކަމަށެވެ. އަދި ޕްރައިމަރީއާއި އެ ޕާޓީގެ އެހެން އިންތިހާބުތައް ބަލައި މޮނިޓާކުރުމަށް ތިންވަނަ ފަރާތެއް ހަރަކާތްތެރިވާނެ ކަމަށެވެ.

މީގެއިތުރުން ޕާޓީގެ ލީޑަޝިޕްގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ގިނަވެގެން ދެ ދައުރަށް ވުރެ އިތުރަށް ލީޑަޝިޕް މަގާމުތަކުގައި މަސައްކަތް ނުކުރެވޭ ގޮތް ހެދުމަށް އަސާސީ ގަވައިދުގައި ހިމަނާނެ ކަމަށެވެ. އެގޮތަށް ހަމަޖައްސަނީ ޒުވާނުންނަށް ފުރުސަތު ދިނުމަށް ކަމުގައި ވިދާޅުވި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ އެމްއެންޕީ އަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭ ސިޔާސީ ޕާޓީއެއް ނޫން ކަމަށެވެ. ސިޔާސީ ޕާޓީއެއް އުފައްދަން ޖެހުނީ ރާއްޖޭގައި މިވަގުތު އޮތް އެއްވެސް ސިޔާސީ ޕާޓީ އަކުން ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ނުކުރާތީ ކަމަށެވެ. އެމްއެންޕީ މަސައްކަތް ކުރާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައްޔިތުން ބޭނުންވާ ކަންކަން ބަލައިގެން ކަމަށްވާތީ އެމްއެންޕީ އަށް ރައްޔިތުން ވޯޓު ދޭން ޖެހެނީ ރައްޔިތުންނާ އެންމެ ގާތުގައި އެޕާޓީ އޮންނާނެތީ ކަމަށެވެ.

އެމްއެންޕީ އިން އިސްކަންދޭ މައިގަނޑު 10 އަސާސް

  • އިސްލާމީ ރިވެތި އަގީދާގައި ސާބިތުވެ 100 ޕަސަންޓް އިސްލާމީ ދައުލަތެއް ދެމެހެއްޓުން
  • ބައިނަލްއަގްވާމީ މުޖުތަމައުގައި ވަކި ފަރާތަކަށް ބުރަ ނުވާ މިނިވަން އަމިއްލަ ގައުމެއް ދެމެހެއްޓުން
  • ކަރަޕްޝަނުން އެއްކިބާވެފައިވާ ދައުލަތެއް އަދި ރައްޔިތެއް ބިނާކުރުން
  • ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމުކުރުން
  • ހުރިހާ ދިވެހިންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ ހައްގުތައް ކަށަވަރުކުރުން
  • ދިރިއުޅުމަށް ހިތްފަސޭހަ ގެއެއް ކަށަވަރުކޮށްދީ ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިދުމަތް ލިބޭ ގައުމެއް ބިނާކުރުން
  • ވަޒީފާގެ ފުރުސަތު ހޯދައިދީ މިނިވަންކަމާއެކު ވިޔަފާރިކުރެވޭނެ ސިޔާސަތު ފަހިކޮށްދިނުން
  • ސިފައިންނާއި ފުލުހުންގެ ގާބިލްކަން އިތުރުކޮށް، ގާނޫނު ތަންފީޒު ކުރާ އިދާރާތައް ބާރުވެރިކުރުވުން
  • ރާއްޖޭގެ ސަރަހައްދީ އިމަކީ އަމާނާތެއްގެ ގޮތުގައި ދެކި އުމުރާނީ އަދި އިގްތިސޯދީ ތަރައްގީއަށް އިސްކަން ދިނުން
  • ގައުމު ބިނާކުރުމުގައި އެންމެން ބައިވެރިކުރުވުމަށްޓަކައި ހުނަރުވެރި އަދި ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ހެދުން

އެމްއެންޕީއަށް މެންބަރުން ހޯދުމަށް އަމާޒުކޮށްގެން ވަރަށް އަވަހަށް ޖަގަހައެއް ހުޅުވުމަށް އެ ޕާޓީން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަހަރުގެ ސެޕްޓްމަބަރު މަހު ޕާޓީ އުފައްދަން ޖަލްސާއެއް ބޭއްވޭނެ ކަމަށް ނާޒިމް އުއްމީދުކުރައްވަ އެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެޕާޓީގައި ބައިވެރިވާން ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާތީ ޕާޓީ ފުޅާވެ ބޮޑުވަމުންދާ މަންޒަރު ފެނެ އެވެ.

އެމްއެންޕީގެ މިޝަން އަކީ ގާނޫނީ އިމުގެ ތެރެއިން އަދި ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މަސައްކަތް ކޮށްގެން ދިވެހިން އެދޭ ކަންކަން ހާސިލްކޮށްދިނުމެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެމްއެންޕީ ވެގެންދާނީ ސިޔާސީ މައިދާނަށް ރައްޔިތުންގެ އިތުބާރު ގެއްލިފައި އޮތް އޮތުން ހޯދައިދޭ ޕާޓީ އަކަށެވެ. އަދި އެމްއެންޕީ އަކީ ދިވެހި ރައްޔިތުންނަށްޓަކައި އުފައްދާ ޕާޓީ އަކަށް ވާތީވެ ދިވެހި ހުރިހާ ރައްޔިތުން އެ ޕާޓީއާ ގުޅުމަށްވެސް ނާޒިމް ވަނީ ދައުވަތު ދެއްވާފަ އެވެ.

އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށެވެ.

އެމްއެންޕީ އުފެއްދުމުގައި އުޝާމް އާއި ނާޒިމްގެ އިތުރުން ހަރަކާތްތެރިވަނީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.