ރައީސް މުހައްމަދު ނަޝީދު

ނާޒިމް، އެމްޑީޕީއާ އެއްކޮޅަށް އެރީ އަޅުގަނޑު އެދިގެން: ނަޝީދު

Jul 27, 2021
2

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެއްކޮޅަށް އެރީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ހިމެނޭ ވަޓްސްއަޕް ގުރޫޕަށް މިއަދު ފޮނުއްވި ޓެކްސްޓް މެސެޖެއްގަ އެވެ.

މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ނާޒިމާ ގުޅޭގޮތުން ރައީސް ނަޝީދު ވާހަކަ ދައްކަވާފައި މިވަނީ ނާޒިމު އިސްވެ ހުންނަވައިގެން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ މަސައްކަތް ފެށުމާ އެކު ރައީސް ނަޝީދު ސަޕޯޓަރުން ވަރަށް ބޮޑަށް ނާޒިމަށް ފާޑު ކިޔަމުންދާ ވަގުތެއްގަ އެވެ.

ރައީސް ނަޝީދުގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ނާޒިމާއި މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އިސްވެ ހުންނަވައިގެން ގެނައި ބަޣާވަތަކާ ގުޅިގެންނެވެ.

މެންބަރު ނާޒިމު އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީއާ ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ނާޒިމް އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އަށް މެންބަރުން ހަމަވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

ރައީސް ނަޝީދާއި ނާޒިމާ ދެމެދު މާބޮޑު ގުޅުމެއް ނެތް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތް ނަމަވެސް އެ ދެ ބޭފުޅުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮތް ކަމަށް ދޭހަވާ ގޮތަށްވެސް ރައީސް ނަޝީދު މިއަދު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ 2012 ގައި ވެރިކަން ބަދަލުވި ފަހުން އެމަނިކުފާނާއި ނާޒިމް ދިމާވީ ގާމާދޫ ޖަލުން ކަމަށެވެ.

ރައީސް ނަޝީދު އެ އިޝާރާތް ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާޒިމް ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް ހައްޔަރުކޮށް ޖަލަށްލިތާ މާގިނަ ދުވަސް ތަކެއް ނުވެ ހަމަ އެ ދުވަސްވަރު ރައީސް ނަޝީދު ވެސް ޖަލަށްލުމުން ބައްދަލުވި ގޮތުގެ ވާހަކަ ކަމަށް ބެލެވެ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާމާދޫ ޖަލުން މާފުށި ޖަލަށް ގެންދިޔަ މަގުމަތީގައި 10 ދުވަހު އެތަނުގައި ބޭއްވި ކަމަށެވެ. އަދި އޭރުއްސުރެ ނާޒިމާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމުގައި ވިދާޅުވެފައިވެ އެވެ.

"2018 ގައި ނާޒިމް، ރައީސް ޔާމީނާ އިދިކޮޅަށް، އެމްޑީޕީއާ އެއްކޮޅަށް އެރީ ރައީސް ޔާމީން ބަލިކުރަން. އަދި އަޅުގަނޑު ވެސް ވަރަށް އެދިގެން،" ރައީސް ނަޝީދުގެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ރައީސް ނަޝީދު، މެންބަރު ނާޒިމާ ގުޅޭގޮތުން ވާހަކަ ދެއްކެވި ނަމަވެސް އެ ވާހަކަ ދެކެވުނު ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އެމްއެންޕީގެ ފަރާތުން އިއްޔެ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އެމްއެންޕީ އުފައްދަނީ ސީދާ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކަމަށާއި އިންތިހާބު ކާމިޔާބުކޮށް ހުވާ ކުރާނީ ވެސް އެޕާޓީގެ ކެންޑިޑޭޓް ކަމަަށެވެ. އަދި އެެމްއެންޕީގެ ރިޔާސީ ޓިކެޓް ދޭނީ ޕާޓީގައި އެކަމަށް ޝައުގުވެރިވާ ބޭފުޅުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަކަށްފަހު ކަމަށާއި އެ ޕްރައިމަރީގައި އޭނާ ވާދަކުރައްވާނެ ކަމުގައިވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.