ވާހަކަ

މިލްކުވާނެބާ

( 18 އެޕްރީލް 2024 އާ ގުޅޭ )

"ޒާހިލް ގުޅާފަ ބުނީ މާދަމާ މެންދުރު އޭނާގެ ޢާއިލާއާ ބައްދަލުކުރާން ތައްޔާރުވެގެން ހުންނާށޯ. އަންނާނަމޯ ބަލާ." ރޮމުންރޮމުން ފައިނާނު ވާހަކަދެއްކި އެވެ. އަޖައިބުވީވަރުން މާޔާއަށް ވަގުތުން އޭނާގެ ގަޔާ ފައިނާނު ދުރުކޮށްލެވުނެވެ. އަދި އެކުވެރިޔާއާ ނަޒަރު ސީދާކޮށްލަމުން ވާހަކަދެއްކި އެވެ.

"ހަމަ ޒާހިލްތަ ބުނީ." ޤަބޫލުނުކުރެވިގެން މާޔާއަށް އަހާލެވުނެވެ. އެއާއެކު ފައިނާނު ބޯޖަހާލީ އެވެ.

"ކީއްކުރަންށޯ ފެމެލީއާ މީޓުކުރުވަނީ؟." މާޔާއަށް އަހާލެވުނެވެ.

"ނޭނގެ. އިތުރު ވާހަކައެއް ނުދައްކާ. އެހެންބުނެފަ ކޯލު ކަނޑާލައިފި. އަހަރެން ވަރަށް ބިރުގަނޭ." ފައިނާނު ބުނެލި އެވެ.

ޒާހިލް ރާވަނީ ކޮންކަމެއްކަން ވިސްނައިގަންނާން މާޔާއަކަށް ނޭނގުނެވެ. ގައިމު ވެސް ޢާއިލާއާ ބައްދަލުކުރާން ފައިނާނު ގެންދާނަމަ އެއީ ރަނގަޅު ފާލެއްކަމުގައި މާޔާއަށް ޤަބޫލުކުރެވެ އެވެ. ޒާހިލްގެ އަޚްލާޤީ މިންގަނޑު ވަޒަން ކުރާން މާޔާއަށް އެނގެ އެވެ. އެކަމަކު އޭނާގެ ޢާއިލާއަކީ އެތައް ބައެއްގެ އިޚްތިރާމް ލިބިގެންވާ ޤަދަރުވެރީންނެވެ. އެމީހުން ފައިނާނާ ބައްދަލު ކުރާން ބޭނުންވެގެން ނޫނީ ޒާހިލް އެފަދަ ނިންމުމެއް ނުނިންމާނޭކަން މާޔާގެ ޟަމީރު ދެނެގަތެވެ.

"އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދާނީ އެންމެ ރަނގަޅަށް." މާޔާ ބޭނުންވީ ފައިނާނަށް ހިތްވަރު ދޭށެވެ.

"އެކަމަކު ކިހިނެއް މިކަން ރަނގަޅުވާނީ. އަހަރެން ޕްރެގްކަން އެބަ އެނގޭ." ފައިނާނަށް ބުނެވުނެވެ.

"ތިކަން ތިހެން އޮތީ. އެހެންވިޔަސް މިގޮތަށް ކަންތައް މެދުވެރި މިވަނީ މީ މިވަގުތައް އޮތް އެންމެ ރަނގަޅު ގޮތްކަމަށްވީމައޭ އަހަރެންގެ ހިތް ބުނޭ. މާބޮޑަށް ދެން ނުވިސްނާ. މާދަމާ އެ ފެމެލީއާ މީޓުކުރީމަ އެމީހުންގެ ބޭނުން ވެސް އެނގިދާނެ. އެހެންވީމަ ސިކުނޑިއަށް ބަރުކުރާން ބޭކާރު ޚިޔާލު މިވަގުތުނުކޮށް ހިނގާ ކޮޓަރިއަށް. މިރޭ އަހަރެން ވެސް ނާނުއާއެކީ ތި ކޮޓަރީގައި ނިދާނީ. އެކަނި އޮންނަންވީމާ ވެސް އެނގޭ ވިސްނޭނެކަން. އެގޮތް އެންމެ ރަނގަޅުތަ." މާޔާ ބުންޏެވެ.

ޖަވާބެއްގެ ގޮތުން ފައިނާނު ބޯޖަހާލީ އެވެ. މާޔާ ނުބުންޏަސް އެކަނިވުމާއެކު ފައިނާނުގެ ފިކުރުތައް އިންތިހާއަށް ދާކަން ޚުދު އޭނާއަށް ވެސް އެނގެ އެވެ. މާޔާ ސޯފާއިން ތެދުވަން އުޅުމުން ފައިނާނު ބުނީ އޭނާ ބަނޑުހައިވާ ކަމުގަ އެވެ. ބަނޑުހައިވެފައި ހުރެ ނުނިދޭނެކަން ފައިނާނަށް އެނގެ އެވެ. މާޔާ ކުޑަކޮށް ހީނލި އެވެ. އަދި އޭނާ ހެދުން ބަދަލުކޮށްލައިގެން ނުކުމެ ދެ މީހުން ވެގެން ކާ އެއްޗެއް ތައްޔާރު ކުރާން އުޅޭނީ ކަމުގައި ބުނެލި އެވެ. އެގޮތް ފައިނާނަށް ވެސް ކަމުދިޔަ އެވެ.

* * * * *

މެންދުރު އެއްގަޑި ބައިކަން ހާއިރު ޒާހިލްގެ ކާރު އައިސް ކައިރިކޮށްލީ މާޔާއާއި ފައިނާނު ދިރިއުޅޭ އެޕާޓްމެންޓް ހުންނަ އިމާރާތުގެ ކައިރިއަށެވެ. ކާރު ދުއްވަން އިނީ ސައިފުލް އެވެ. އިމާރާތުގެ މައި ދޮރާ ދިމާ ދުވާރު މަތީ މަޑުކޮށްލައިގެން ހުރި ފައިނާނު އޭނާ ދުށްޓެވެ. ސައިފުލްއާ ޖެހިގެން ކުރީ ސީޓުގައި އިން ޒާހިލް ކާރުން ފައިބާން ގަސްދުނުކުރާހެން ހީވުމުން ސައިފުލް ކާރުން ފޭބި އެވެ. ޒާހިލްގެ މޫނުމަތިން ވެސް އޭނާ އިނީ ގަޔާނުވެފައިކަން ފާޅުވެ އެވެ.

ސަލާމް ގޮވާލުމާއެކު ސައިފުލްގެ އަމިއްލަ ތަޢާރަފެއް ފައިނާނަށް ދީފި އެވެ. އަދި އޭނާގެ ވާހަކައިން ކާރުގައި ޒާހިލް އިންކަން ވެސް ހާމަކޮށްފި އެވެ. ކާރާ ހަމައަށް ސައިފުލްއާއެކު ފައިނާނު އައެވެ. ކާރުގެ ފަހަތު ދޮރުފަތް ސައިފުލް ހުޅުވާލަ ދިނުމުން ކާރަށް އެރުމުގެ ބަދަލުގައި ފުރަތަމަ ފައިނާނުގެ ނަޒަރު ކާރުގެ ތެރެއަށް ހިންގާލި އެވެ. ކުރީ ސީޓުގައި އިން ޒާހިލް އޭނާއަށް ފެނިއްޖެ އެވެ. އަތްދިގު ގަމީހާއި ފަޓުލޫނުގައި އޭނާ އިންއިރު ހީވަނީ އޮފީހުގައި އުޅެފައި އައިސް އިން ހެނެވެ. މަޑުމަޑުން ކާރަށް އަރައި ފައިނާނު ހަމަޖެހިލީ ދެނެވެ. ދޮރުފަތް ލައްޕާލާފައި ސައިފުލް ވެސް އައިސް ޑްރައިވަރު ސީޓަށް އަރައި ކާރު ދުއްވާލައިފި އެވެ.

ކާރުގެ ކުރީގައިވާ ލޯގަނޑުކޮޅުން ފަހަތު ސީޓުގައި އިން ފައިނާނަށް ނިކަން ނޫން ގޮތަކަށް ޒާހިލް ބަލާލި އެވެ. އެ އަންހެންކުއްޖާގެ މޫނުމަތީގައިވަނީ ހާސްކަމާއި ޖެހިލުންވުމެވެ. ފައިނާނު ފެންނަލެއް ތަފާތުކަން ޒާހިލްއަށް ފާހަގަވި އެވެ. މީގެ ކުރީން އޭނާއާ ފައިނާނު ބައްދަލުވީއިރު ފާހަގަނުވާ އަންހެންވަންތަކަމެއް ޒާހިލަށް ފެންނަމުން ދިޔަ އެވެ. ލުއި މޭކަޕެއްގެ އަސަރު ފައިނާނުގެ މޫނުގައިވާއިރު އޭނާގެ އިސްތަށިގަނޑުވަނީ ފަހަތަށް ދޫކޮށްލެވިފަ އެވެ. ހުދުކުލައިގެ އިތާމުތުން ހަދާފައިވާ ފަދަ ދިގު ކަންފަތު މުންޖެއް ލައްވާފައި ހުރިއިރު ފައިނާނު ލައިގެން އިނީ ކަށިމައްޗާ ހަމައަށް އަންނަ ހެދުމެކެވެ. "ކޮރަލް ޕިންކް" ކުލައިގެ އެ ހެދުމުގައި ކަޅުކުލައިގެ ފަތްތަކަކާއި މަލެއް ދުރުދުރުގައި ޕްރިންޓުކޮށްފައި ހުއްޓެވެ. އުނަގަނޑާ ދިމާގައިވާ ހުރަހަށް ބަންދެއްހެން އަޅާފައިވާ ފޮތިކޮޅުގެ މެދުގައި ނާޑުވާ ފުރާފައިވާ ފަދައިން ލައްވާފައި އިން ހިމަ ރިބަންކޮޅުން ޓައީއެއް ޖަހާފައިވާއިރު ފައިނާނުގެ އުނަގަނޑުގެ ހިމަކަމާއި އަންހެންވަންތަ ބައްޓަމަށް ފުރިހަމަކަމެއް ގެނެސްދެ އެވެ. ގައިމު ވެސް ފައިނާނުގެ ހެދުން އެޅުމުގެ އެ ވައްޓަފާޅިއަކީ ޒާހިލްއަށް މުޅީން އަލަށް ފެނުނު މަންޒަރެކެވެ. ޚާއްޞަކޮށް ފައިނާނުގެ އަންހެންވަންތަކަން ފާޅުވާތީ އެވެ.

ހެންވޭރު ކޮކާވިލާގޭ ގޭޓުން އެތެރެއަށް ކާރު ވަދެގެން އައެވެ. ގަރާޖެއް ފަދައިން އޮތް ހުސްބައިގައި ސައިފުލް ކާރު މަޑުކުރި އެވެ. އެހިނދު ޒާހިލް ވަގުތުން ކާރުން ފައިބައިފި އެވެ. ހަރުކޮށް މައިގެއާ ދިމާއަށް ހިނގައިގަނެފައި އޭނާ ހުއްޓިއްޖެ އެވެ. ޗަސްޖަހާލާފައި އޭނާ ފަސްއެނބުރި ބަލާލީ ފޫހިކަމާއެކު އެވެ. ފަޓުލޫނުގެ ދެ ފަރާތުން އަރިމަތީ ޖީބަށް ދެ އަތްތިލަ ކޮށްޕާލައިގެން ޒާހިލް ބަލަން ހުރީ ކާރުން ފޭބި ފައިނާނަށެވެ. އޭރު ފައިނާނު ކާރުން ފައިބަންދެން ހުޅުވާލެވިފައިވާ ފަހަތު ދޮރުފަތުގައި ހިފަހައްޓާލައިގެން ސައިފުލް ހުއްޓެވެ. އަދި ފައިނާނަށް އަތުގެ އިޝާރާތުން ސައިފުލް އަންގާލީ ޒާހިލްގެ ގާތަށް ދިއުމަށެވެ. ކުރިމަތިވާނީ ކޮންފަދަ ހާލަތަކާކަމެއް ނޭނގި ހާސްކަމުގައި ތެޅެމުންދިޔަ ފައިނާނުގެ ހިތް މަތަކުރާނޭ ގޮތެއް ޚުދު އޭނާއަކަށް ނޭނގެ އެވެ. އެހެންވިޔަސް ޒާހިލްއާ ދިމާއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު މީހާ ހަމަޖެހެން އޭނާ މަސައްކަތް ކުރި އެވެ.

ބޮޑުކޮޓަރިއަށް ޒާހިލްއާއެކު ވަދެގެން އައި އަންހެންކުއްޖާ ފެނުމާއެކު ސޯފާގައި އިނދެފައި ތޫމާ ތެދުވެއްޖެ އެވެ. އެތަނުގައި ޒާހިލްގެ ޢާއިލާގެ ހުރިހާ މެންބަރުން ތިއްބެވެ. ފައިނާނާ ދައްކަން އޮތް ވާހަކައިގެ ބޮޑުކަމުން މެންދުރުގެ ކެއުން ހަރާބުވެދާނެކަމުގައި ތޫމާއަށް ވިސްނުނެވެ. އެހެންވެ އޭނާ ގަސްދުކުރީ ފުރަތަމަ ޢާއިލާއާއެކު މެންދުރުގެ ކެއުމުގައި ފައިނާނު ބައިވެރި ކުރާށެވެ. ފައިނާނަށް ވެސް ހަމަޖެހިލަން ވަގުތު ދިނުމުގެ ގޮތުންނާ ވެސް އެކީގަ އެވެ. އެ އަންހެންކުއްޖާ އިންނާނީ ކިހާ ޖެހިލުންވެފައިކަން ތޫމާއަށް އެނގޭތީ އެވެ.

ޢާއިލާގެ ތަޢާރަފެއް ފައިނާނަށް ލިބުނީ ޒާހިލްގެ ބަދަލުގައި އޭނާގެ މަންމަގެ ފަރާތުންނެވެ. އެތައް ވާހަކައެއް ދެކެވުނުއިރު ވެސް ޒާހިލް ބަހެއްނުކިޔާ އިނީ ހިމޭނުންނެވެ. އޭނާ ފައިނާނަށް ބަލާ ވެސް ނުލަ އެވެ. އެހެނެއް ކަމަކު ޒާހިލްގެ ޢާއިލާ ފައިނާނާމެދު ޢަމަލުތައް ބަހައްޓަމުން ދިޔައީ ނުހަނު އޯގާތެރިކަމާއި ހިތްހެޔޮކަމާއެކީ އެވެ. ޚާއްޞަކޮށް ޒާހިލްގެ މަންމަ އެވެ. ފައިނާނުގެ ޢާއިލާއާ ބެހޭ ގޮތުން އެނގެން ބޭނުންވުމުން އޭނާ ޖެހިލުންވި އެވެ. ޒާހިލްމެންނާ ބަލާފައި އޭނާއަކީ ވަރަށް ބަދުނަސީބު އެހާމެ ނިކަމެތި އަންހެންކުއްޖެކެވެ. ޢާއިލާއާ ބެހޭ ގޮތުން ޚިއްޞާ ކުރާން އޮތީ ލަދުވެތި ވާހަކަތަކެކެވެ. އެހެންވިޔަސް ހަޤީޤަތް ސިއްރު ކުރާކަށް ފައިނާނު ނެތެވެ. އިސްއޮބާލައިގެން އިނދެ ތޫމާއާއި ނޫމާން އެނގެން ބޭނުންވި ކޮންމެ ކަމެއް ފައިނާނު ކިޔާދިނެވެ. ޒާހިލްއާއި ފައިނާނުގެ ކައިވެނީގެ ވާހަކަ ފެށީ ނޫމާނެވެ. ވީހާ ވެސް އަވަހަކަށް ކައިވެނި ހަމަޖައްސަން އެ ޢާއިލާއިން ބޭނުންވާކަން ހާމަކުރި އެވެ. އެހިނދު ބޭއިޚްތިޔާރުގައި ފައިނާނަށް ބަލާލެވުނީ ޒާހިލް އަށެވެ. ޒާހިލްއާއި އޭނާގެ ކައިވެނި ކުރެވިދާނެކަން ޤަބޫލުކުރާން ފައިނާނަށް ދަތިވީ އެވެ. ނުވީތާކަށް ޚުދު ޒާހިލް އެ ކައިވެންޏަށް ރުހިދާނޭ އޭނާގެ ހިތެއް ނުބުނެ އެވެ.

"ޒާހިލް ވެސް ކައިވެންޏައިގެން ކުރިޔަށްދާން އެއްބަސްވީމަ އަވަސްކުރާން ބޭނުންވަނީ. މި ހާލަތުގައި މަޑުކުރެވޭކަށް ވެސް ނޯންނާނެ." ފައިނާނުގެ މޫނުގައިވާ އަސަރުތައް ދޭހަވީ ފަދައަކުން ތޫމާ ވާހަކަދެއްކި އެވެ. އެއާއެކު ހިމޭންކަމުގައި އިން ޒާހިލް އޭނާގެ މަންމައަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އޭނާ އެ ކައިވެންޏަށް އެއްބަސްވީ ކޮންއިރަކުތޯ އަހާ ފަދަ އެވެ. އޭނާގެ އަމިއްލަ ޢާއިލާ އޭނާއަށް އެ ކައިވެންޏަށް މަޖުބޫރު ކުރީ އޭ ބުނާން ޒާހިލް ބޭނުންވި އެވެ. ނަމަވެސް ކާފަގެ ކުރިމަތީ އަނގަ ހުޅުވާލާނޭ ހިތްވަރު އޭނާގެ ނެތެވެ. ރުޅިގަދަވިއެއް ކަމަކު އޭނާއަށް ޖެހުނީ އެ ރުޅިގަނޑު އެތެރެއަށް ހިންދާލާށެވެ.

ފައިނާނު އިން ހާލާމެދު ޒާހިލްގެ ޢާއިލާއިން ސުވާލެއް ނުކުރިއެއް ކަމަކު އެ ހަޤީޤަތް އެމީހުންނަށް ސިއްރުނުވާކަން އެނގެ އެވެ. އެހެންނޫންނަމަ ކުއްލިއަކަށް ފައިނާނާ ބައްދަލުކޮށް ކައިވެނީގެ ވާހަކައެއް ނުދެއްކީސްކަން ޚުދު އޭނާއަށް ވެސް އެނގެ އެވެ. ފައިނާނުގެ ހިތާއި ސިކުނޑީގައި ދެން އުފެދުނު ސުވާލަކަށްވީ އެ ޢާއިލާއަށް އެކަން އެނގުނު ގޮތެކެވެ. ޒާހިލް ބުނެދާނޭބާއޭ ސުވާލު އުފެދުނު ހިނދު ފައިނާނުގެ ހަނދާނަށް އައީ ހޮސްޕިޓަލު ތެރެއިން ޒާހިލް ދުށް ދުވަހު އޭނާއާ ތަންކޮޅެއް ދުރުގައި އެމީހުންނަށް ބަލަން ހުރި ފިރިހެން މީހާ އެވެ. އެ ހަނދާނާއެކު ފައިނާނަށް ބަލާލެވުނީ ނޫމާން ކައިރީ ސޯފާގެ ފަހަތުގައި މަޑުކޮށްލައިގެން ހުރި ސައިފުލް އަށެވެ. މިހިސާބަށް ކަންކަން އައީ ކިހިނެއްކަން ނަގައިގަންނަން ފައިނާނަށް އިތުރަށް ދައްޗެއް ނުވި އެވެ.

ފައިނާނު ގެއަށް ފޮނުވާލުމުގެ ކުރީން ތޫމާ އޭނާއާ ވަކިން ބައްދަލު ކުރި އެވެ. ގޭގެ ވައަތް ފަރާތުން ނުކުމެވެން އޮންނަ ބަގީޗާގައި ބަހައްޓާފައި ހުރި އިސްޕެންޖު ޖެހި ދަގަޑު ގޮނޑިތަކުގައި އޭގެ ދެ މީހުން ތިބިއިރު އެތަނަށް އިތުރު މީހަކު ނާންނަން ތޫމާ އެންގި އެވެ. ޒާހިލްގެ މޫނުން ހާސްކަމެއް ފާޅުވެލި ހިނދުކޮޅަކަށް އެވަގުތު ވިއެވެ.

"މަންމަ ބޭނުން ބައެއް ވާހަކަތައް ފައިނާނާ ދައްކާލަން. އެންމެންގެ ކުރިމަތީގައި ދެއްކޭ ކަހަލަ ވާހަކައެއްނޫން ވީމަ މިތަނަށް މިއައީ. ވަރަށް ތެދުވެރިކަމާއެކު ޖަވާބު ދޭނޭކަމަށް އުންމީދުކުރަނީ." ފައިނާނާ ނަޒަރު ސީދާކޮށްލައިގެން އިނދެ ތޫމާ ބުންޏެވެ. އެ ވާހަކައަށް ފައިނާނު ބޯޖަހާލީ ތެދު ބަހުން ވާހަކަދައްކާނޭ ކަމުގެ އިޝާރާތެއްގެ ގޮތުންނެވެ. ސުވާލުތައް އަމާޒުވުމުގެ މާކުރީން ވެސް ތޫމާގެ އެނގެން ބޭނުންވަނީ ކޮންކަމެއްކަން ލަފާކޮށްލާން ފައިނާނަށް އެނގުނެވެ.

"ބަނޑުގައި ތިވަނީ... ޒާހިލްގެތަ؟." ތޫމާ އަހާލީ ނިކަން ފަރުވާތެރިކަމާއެކު އެވެ. އެ ސުވާލުން ފައިނާނަށް އަންނަ ބަދަލުތައް ދެނެގަންނަން ބޭނުންވެފައި އިނދެ އެވެ.

ބަހެއް ކިޔުމެއްނެތި ފައިނާނު އަނެއްކާ ވެސް ބޯޖަހާލީ އެވެ. އިސް އޮބާލި ގޮތަށް އިސްއުފުލައި ތޫމާއަށް ބަލާލާކަށް ފައިނާނަށް ނުކެރުނެވެ. ލަދުގެންފައި އިންވަރުންނެވެ. އެ ސުވާލު އެ ކުރަނީ ޒާހިލްގެ މަންމައަށް ވީމަ އެވެ.

"ޒާހިލް ކައިރީ ބުނިންތަ؟. އޭނާ ހަވާލުނުވީތަ؟." ތޫމާ ސުވާލު ކުރި އެވެ.

"ބުނަން ހުރީ. އޭގެ ކުރީން ހޮސްޕިޓަލުން ދިމާވެ ޒާހިލްއަށް ރިޕޯޓު ފެނުނީ... އަޅުގަނޑަށް ގޯހެއް ހެދުނީ. އެކަމުގެ ތަފްޞީލަކަށް ދާން އަޅުގަނޑު ވަރަށް ލަދުގަނޭ... ޒާހިލްއަށް އެނގޭނެ މީ އޭނާގެ ކަން. އޭނާ ނޫން މީހަކާ އެފަދަ ގޮތަކަށް އަޅުގަނޑު ކައިރިޔެއްނުވަން." ފައިނާނުގެ އަޑު މަޑެވެ. އޭނާގެ އިޙްސާސްތައް ދެނެގަންނަން ތޫމާއަށް ދައްޗެއްނުވި އެވެ. އެ އަންހެންކުއްޖާގެ ކިބައިން ކިޔަމަންތެރިކަމާއި ލަދުވެތިކަމުގެ ސިފަ ފާޅު ވެއެވެ. އަދި ކުރެވިފައިވާ ކަންތަކާމެދު އޭނާ ދެރަވާކަން ގައިމެވެ.

"ގޯސް ހެދުނީ ދެ މީހުންނަށް. ހަމައެކަނި ފައިނާނަކަށްނޫން. ހޮސްޕިޓަލުން ތި ދެމެދުގައި ކަންތައް ހިނގައިދިޔަ ގޮތް ސައިފުލްވަނީ ކިޔާދީފައި. މި ކައިވެންޏަކީ އެންމެ ރަނގަޅު ގޮތެއްނޫންކަން އެނގޭ. އެހެންވިޔަސް ތި ދެ ކުދީންނަށް ހެދިފައިވާ ގޯސް ކޮންމެވެސް ސިފައެއްގައި ރަނގަޅު ކުރެވޭތޯ މަންމަމެން ނިންމި ނިންމުމެއް މީ. ފައިނާނަށް ނިކަމެތިކަމެއް ލިބޭކަށް ބޭނުމެއްނޫން. އަބަދުވެސް ދެރަ ލިބޭނީ އަންހެނާއަށް. އެފަދަ ކަމެއްގައި ޝާމިލްވާ ފިރިހެނާ ހަވާލުނުވީމާ އޭނާއަށް އެކަމުން ސަލާމަތްވެވިދާނެ... ފައިނާނަށް އެހެންވާކަށް މި ޢާއިލާއިން ނޭދެން. ޒާހިލް... ޒާހިލް ނިކަން ބޯހަރުވާނެ. ފައިނާނު ޖެހޭނެ ނިކަން ކެތްތެރިވާން. ބައެއްފަހަރު ޒާހިލް ހާ ބޯހަރުވެލަން ވެސް ވާނެ... ޒާހިލްގެ ކަމުނުދާ ސިފަތަކެއް ހުރިކަން މަންމަ ވެސް ޤަބޫލުކުރަން. ރަނގަޅު އަނތްބަކަށް ފިރިމީހާގެ ހިތް އަތުލެވިދާނެ. މަންމަ ޤަބޫލުކުރަނީ ފައިނާނަށް އެކަންވެދާނެއޭ. އެއްގޮތަކަށް ވެސް ހީނުކުރާތި ތީ އެކަނި ހުރި ނަފްސެކޭ. މިހާރު ތީ މި ޢާއިލާގެ ކުއްޖެއް. އެހެންވީމަ ކަމެއް ބޮޑުވަންޏާ މަންމަމެން ގާތު ނުބުނެ ނުހުންނާތި. ކުއްލިއަކަށް މިގޮތަށް ކުރެވޭ ކައިވެންޏެއްގައި އެތައް މައްސަލަތަކެއް ހުންނާނޭކަން މަންމަމެންނަށް ވެސް ވިސްނޭ. އެހެންވެ މިބުނަނީ ކެތްތެރިވައްޗޭ." ތޫމާގެ އަޑުގައިވީ އޯގާތެރިކަމެވެ. އޭނާ ފައިނާނަށް އިތުބާރުކުރާ ކަމެވެ.

މާޔޫސްކަމުގެ މައްޗަށް އާ ހިތްވަރެއް ކުއްލިއަކަށް ފައިނާނަށް ލިބިގެންދިޔަ އެވެ. ޒާހިލްއަށް އިތުބާރު ނުކުރެވުނަސް ފައިނާނު އިތުބާރު ކުރީ އޭނާގެ ޢާއިލާއަށެވެ. ޒާހިލްގެ މަންމަ ދެއްކި ވާހަކަތަކުންނެވެ. ފައިނާނާއެކު ކާރާ ހަމައަށް ތޫމާ އައެވެ. އޭނާ ފައިނާނުގެ ފޯނު ނަންބަރު ނެގި އެވެ. ކައިވެނީގެ ކަންކަން ހަމަޖެއްސުމުގައި ތޫމާ އުޅޭއިރު އޭނާގެ ގާތުގައި ފައިނާނު ހުންނަން އެދޭތީ އެވެ. އަދި ފައިނާނު އެގެއަށް ގެނެސް އެނބުރި ގެއަށް ގެންގޮސްދިނުމުގައި ސައިފުލް ޚިދުމަތުގައި ހުންނާނޭކަން ތޫމާ ބުންޏެވެ.

ފައިނާނު ގޮވައިގެން ގެއާ ދިމާއަށް ކާރުގައި ސައިފުލް މިސްރާބު ޖެހި އެވެ. އެ ދަތުރުގައި ޒާހިލް ބައިވެރިއެއް ނުވި އެވެ. އެކަމަށް އެއްވެސް މީހަކު ޒާހިލްއަށް ބާރެއް ވެސް ނާޅަ އެވެ. ގޭގައި މަޑުކުރުމެއްނެތި ޒާހިލް ނުކުމެގެން ދިޔައީ އޮފީހަށް ދާންޖެހިއްޖެ ކަމުގެ ބަހަނާގަ އެވެ. އޭރު އޭނާގެ ޠަބީޢަތްވަނީ އިންތިހާއަށް ގޯސްވެފައި ކަމެއް އެކަކު ވެސް ނުދެނަ ހުއްޓެވެ.

(ނުނިމޭ)