ސިވިލް ކޯޓް

އަކްރަމު، މުސްތަފާއަށް މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާއަށް މިލިއަނެއްހާ ރުފިޔާ ދައްކަން، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްޗަށް ހުކުމެއް ކޮށްފި އެވެ.

ސިވިލް ކޯޓުން އާދިއްތަ ދުވަހު، އަކްރަމް ކަމާލުއްދީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އަނބުރާ ދޭ ގޮތަށް މުސްތަފާ އަތުން އަކްރަމް ނަގާފައިވާ ފައިސާ ދައްކަން ކުރި ހުކުމެކެވެ.

މި މައްސަލައިގައި މުސްތަފާއަށް 400،000 ރުފިޔާއާއި 50،000 ޑޮލަރު، އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ދައްކަން ވަނީ ހުކުމްކޮށްފަ އެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަކްރަމް ވަނީ އެކި ފަހަރު މަތިން މުސްތަފާ އަތުން އެތައް މިލިއަން ރުފިޔާއެއް ނަގާފަ އެވެ. އެހެންނަމަވެސް އެ ހުރިހާ ފައިސާއެއް ނެގިކަން މުސްތަފާއަށް ކޯޓުގައި ސާބިތު ކޮށްދެވިފައެއް ނުވެ އެވެ.

އަކްރަމް އަތުން ނަގައިދިނުމަށް ކޯޓުގެ ހުކުމްގައިވާ ފައިސާ އަކީ ދެ ފަރާތުގެ ވާހަކަތަކުންނާއި ލިޔެކިޔުންތަކުން ސާބިތުވާ ފައިސާ އެވެ.

މި ފައިސާ ދިނުމަށް އިންކާރު ކުރައްވާ އަކްރަމް އެންމެ ކުރިން މަސައްކަތް ކުރައްވާފައިވަނީ އިޖުރާއީ ގޮތުން މައްސަލަ ބޭރު ކުރާށެވެ. އެއީ ދައުވާ ބިނާކޮށްފައިވާ މުއާމަލާތަކީ ބޭންކަކުން ނުވަތަ މާލީ އިދާރާއަކުން ލައިސެންސް ލިބިގެން ނޫނީ ކުރިއަށް ނުގެންދެވޭނެ މުއާމަލާތެއް ކަމަށް ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް ކޯޓުން އެ އިޖުރާއީ ނުކުތާ ބަލައި ނުގަނެ، ނިންމީ މައްސަލަ ކުރިއަށް ގެންދާށެވެ.

އަކްރަމް އަކީ ނިމިިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓެކެވެ. އިންތިހާބުގެ ކުރިން މި މައްސަލަ ނިމުނު ނަމަ ސާބިތު ދަރަންޏެއް އޮވެ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.