ސިވިލް ކޯޓް

ސިވިލް ކޯޓުން މިދިޔަ އަހަރު 2،900 މައްސަލަ ނިންމި

ސިވިލް ކޯޓުން މިދިޔަ އަހަރު 2،917 މައްސަލައެއް ނިންމާފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ސިވިލް ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކޯޓަށް 5،050 މައްސަލައެއް ހުށަހެޅިފައިވެ އެވެ. އޭގެ އިތުރުން 2021 ވަނަ އަހަރު ނުނިމި ހުރި 2،740 މައްސަލައެއްވެސް 2022 ވަނަ އަހަރު އޮތެވެ.

މިހުރިހާ މައްސަލައެއްގެ ތެރެއިން ސިވިލް ކޯޓަށް ނިމުނީ 2،917 މައްސަލައެވެ. މިދިޔަ އަހަރު ނިމުނު އިރު އެ ކޯޓުން ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި 4،873 މައްސަލައެއް ހިމެނެ އެވެ. އޭގެ ތެރެއިން 977 މައްސަލައަކީ އެ މައްސަލަތައް ނުނިމި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުން 21،399 ކޯޓު އަމުރު ފޮނުވައިފައިވެ އެވެ. މީގެ އިތުރުން ކޯޓަށް ހާޒިރުވުމަށް 19،956 އަމުރެއް ސިވިލް ކޯޓުން ފޮނުވާފައިވެ އެވެ.

ސިވިލް ކޯޓުން 2022 ވަނަ އަހަރު ނިމުނު އިރު ބަލާގަތް ރުފިޔާގެ އަދަދު 94 މިލިއަނަށް އަރަ އެވެ. އަދި އެ ކޯޓަށް ބަލައިގަތް ޑޮލަރުގެ އަދަދު އަށް މިލިއަނަށް އަރަ އެވެ. ސިވިލް ކޯޓުން 2022 ވަނަ އަހަރު ބެލި މައްސަލަތަކުގެ ތެރެއިން ދަރަނީގެ ގޮތުގައި ސާބިތުވި އަދަދު 1.4 ބިލިއަނަށްވުރެ ގިނަ އެވެ.