ރާއްޖެ އިން ބޭރުން އަންނަ މީހުންގެ އޮންނަން ޖެހޭނީ 96 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ޕީސީއާރު ނެގެޓިވް ޓެސްޓެއް ކަމަށް އެޗްޕީއޭ އިން ނިންމައިފި އެވެ.
ކުރިން ކަނޑައަޅާފައި ވަނީ ރާއްޖެ އެތެރެވެ ވޭނީ 72 ގަޑިއިރަށްވުރެ ގިނައިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓަކާ އެކީ ކަމަށެވެ. ނަމަވެސް އެ މުއްދަތު އެޗްޕީއޭ އިން މިއަދު ވަނީ 96 ގަޑިއިރަށް އިތުރުކޮށްފަ އެވެ. އަދި މިގޮތަށް މިއަދުން ފެށިގެން އަމަލުކުރަންވެސް ވަނީ ފަށައިފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނު ވާކަށް ނުޖެހެ އެވެ. އަދި އެ މީހުންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށެވެ.
ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައިވާ މީހުންނާއި އެކުގައި ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓް ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ކުރިން ވަނީ ބުނެފަ އެވެ.
އެ ނޫން މީހުން ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ އެވެ. އަދި އެ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ ޕީސީއާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުންނެވެ.
ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވާކް ޕާމިޓް ހޯލްޑަރުންގެ ތެރެއިން ކޮވިޑުން ރައްކާތެރިވުމަށް ޖަހަން ޖެހޭ ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް އަމަލުކުރަން ފަށައިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެންނެވެ.