ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

ބިދޭސީ ޓީޗަރުންނަށް ސުކޫލަށް ނިކުމެވޭނީ ފަސް ދުވަހުގެ ކަރަންޓީނަކަށްފަހު

ރާއްޖެ އަންނަ ބިދޭސީ ޓީޗަރުންނަށް ސްކޫލްތަކަށް ނިކުމެވޭނީ ފަސް ދުވަހުގެ ކަރަންޓީނަކަށް ފަހުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގައިފި އެވެ.

މިނިސްޓްރީން ވަނީ މިކަން އަންގައި ސުކޫލްތަކަށް ސިޓީއެއް ފޮނުވާފަ އެވެ. އެޗްޕީއޭގެ މިންގަނޑަށް ފެތިގެން ރާއްޖެ އަންނަ ބިދޭސީ ޓީޗަރުންވެސް ރާއްޖެ އަންނަ ތާރީހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށް އެ އެންގުމުގައިވެ އެވެ.

ބިދޭސީ ޓީޗަރު ކަރަންޓީނުވާން ޖެހޭނީ އެމީހަކުދާ ރަށެއްގައި ކަމަށާއި ފަސް ދުވަސް ހަމަކުރުމަށްފަހު ސާމްޕަލް ނަގައި، ނަތީޖާ ނެގެޓިވްވުމުން ނޫނީ ސްކޫލަށް ނުނެރުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ ދެކުނު އޭޝިއާއިން އަންނަ މީހުން ކަރަންޓީނު ވުމަކާ ނުލާ ރާއްޖެ އެތެރެވެވޭނެ ކަމަށް އެޗްޕީއޭއިން ނިންމުމާ ގުޅިގެން ކައުންސިލްތަކުން ޝަކުވާ ހުށަހަޅަން ފެށުމުންނެވެ. އެހެންކަމުން މިގޮތަށް ނިންމާފައި ވަނީ އެޗްޕީއޭއާ އެކު ކުރެވުނު މަޝްވަރާތަކަށްފަހުގައި ކަމަށް މިނިސްޓްރީން ބުނެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން ވޯކް ޕާމިޓްގައި ރާއްޖެއަށް އެތެރެވާ މީހުން ކަރަންޓީން ވުމާ ގުޅޭގޮތުން އެޗްޕީއޭއިން ކުރިން ބުނެފައިވަނީ ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ މީހުންގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް ރާއްޖެ އަންނަ ދުވަހާ ހަމައަށް 14 ދުވަސް ވެފައިވާ މީހުން ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ. އަދި އެ މީހުންނާ އެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންވެސް ކަރަންޓީނު ވާން ނުޖެހޭނެ ކަމަށެވެ.

ރާއްޖެ އިން ބޭރުން އަންނަ މީހުން މިހާރު ހުށަހަޅަން ޖެހެނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެކެވެ.