ބޭރު ކުޅިވަރު

އެލްކްލެސިކޯ މެޗަށް 1000 ފުލުހުންނާއި 1400 ސެކިއުރިޓީ ގާޑުން

ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލްކްލެސިކޯ މެޗުގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

މި ގޮތުން ސްޕޭނުގެ އެންމެ ވާދަވެރި ދެ ޓީމު ކުޅޭ މި މެޗުގައި ދަނޑު ބަލަހައްޓާ ފުލުހުންގެ އަދަދު ވަނީ 1000 ކަމަށް ހަމަޖައްސައިފަ އެވެ. މިއީ އާއްމުކޮށް ލީގު މެޗުތަކުގައި ފުލުހުން ބައިތިއްބާ އަދަދަށްވުރެ ދެ ގުނަ އިތުރު އަދަދެކެވެ. ފުލުހުންގެ އިތުރުން ސެކިއުރިޓީ ގާޑުންގެ ގޮތުގައި 1400 މީހުން ތިބޭނެ އެވެ. މިއީ ވެސް މީގެ ކުރިން ދަނޑުގެ ސެކިއުރިޓީގައި ބޭނުންކުރާ އަދަދަށްވުރެ ގިނަ އަދަދެކެވެ. މީގެ އިތުރުން ދަނޑަށް ވައްދަ ހުރިހާ ތަކެއްޗެއް ވެސް ވަރަށް ރަނގަޅަށް ޗެކްކުރާނެ އެވެ. މި ގޮތުން ސޭންޑްވިޗް ވައްދާނަމަ އެތަކެތި ވެސް ޗެކްކުރާ ތަކެތީގެ ތެރޭގައިވަނީ ހިމަނާފަ އެވެ.

މި މެޗުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ނިންމީ ހުސްވި ހަފުތާގައ ފްރާންސާއި ޖަރުމަނު ކުޅުނު މެޗަށް ހަތިޔާރާއެކު ބަޔަކު ޓިކެޓް ގަނެގެން ވަންނަން މަސައްކަތްކޮށްފައިވަނިކޮށެވެ. އަދި އޭގެ ކުރިން ފްރާންސްގެ ވެރިރަށް ޕްރިހުގެ އެކި ހިސާބުތަކުގައި ބޮންގޮއްވާފައިވާތީ އެވެ. އޭގެ ފަހުން ޖަރުމަނާއި ސްޕޭން ކުޅެން އޮތް މެޗު ވެސް ވަނީ ޓެރަރިސްޓް ހަމަލާއެއްގެ ބިރު އޮތުމުން ކެންސަލްކޮށްފަ އެވެ.