ބާސެލޯނާ

އަރަބި މަހުޖަނުންތަކެއް ބާސެލޯނާއަށް އެހީވަނީ

ބާސެލޯނާގެ މާލީ ދަތިތައް ހައްލުކުރުމަށް ބޭނުންވާ 100 މިލިއަން ޔޫރޯ ދިނުމަށް ބާސެލޯނާއަށް ސަޕޯޓުކުރާ އަރަބި މަހުޖަނުންތަކެއް ނިންމައިފި އެވެ.

މި އެހީތެރިކަން ދޭން ނިންމާފައިވަނީ ބިނާކުރަމުންދާ އާ ކޭމްޕް ނޯގެ ވީވީއައިޕީ ބޮކްސްތައް އެޑްވާންސްކޮށް ގަނެގެންނެވެ.

މިއީ ބާސެލޯނާއަށް މާލީގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަންދާ މަސައްކަތުގައި އެ ކްލަބުގެ ރައީސް ހުއާން ލަޕޯޓާ އަށް ލިބުނު ވަރަށް މުހިންމު އެހީތެރިކަމެކެވެ.

މިހާރު މި މުއާމަލާތް ފުރިހަމަ ކުރުމަށް މަދުވަނީ ލަޕޯޓާގެ ސޮއި އެކަންޏެވެ. ލަޕޯޓާ އަކީ ސައުދީ އަރަބިއާ، ގަތަރު އަދި ދުބާއީގެ މަހުޖަނުންނާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.

ބާސެލޯނާއަށް މި އެހީތެރިކަން ބޭނުންވެފައިވަނީ އެ ކުލަބުގެ މުހިއްމު ދެ ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށެވެ.

މީގެތެރެއިން އެއް ކުޅުންތެރިޔާ އަކީ ނިމިދިޔަ ޔޫރޯގައި އެންމެ ގިނަ ގޯލު ޖެހި ޑެނީ އޮލްމޯ އެވެ. އަނެއް ކުޅުންތެރިޔާ އަކީ ބީ ޓީމުގެ ފޯވަޑް ޕައު ވިކްޓަ އެވެ.

ބާސެލޯނާއަށް މި ދަތިތައް ދިމާވެފައިވަނީ ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކާ ހުރެ އެވެ. އެ ގަވާއިދުތަކުގެ ދަށުން ކުލަބަކަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ހޭދައެއް ނުކުރެވޭނެ އެވެ.