ބޮލީވުޑް

"ޝޭރްޝާހް" ރިލީޒްކުރާއިރު ސިދާރްތު ހިތްނުތަނަވަސް ވެފައި

ސިދާރްތު މަލްހޯތުރާ އާއި އޭނާގެ ހަގީގީ ލޯބިވެރިޔާ ކިއާރާ އަދުވާނީ ކުޅެފައިވާ "ޝޭރްޝާހް" އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު އޯޓީޓީ ޕްލެޓްފޯމަކުން ސްޓްރީމް ކުރަން ދަނީ ތައްޔާރު ވަމުންނެވެ. އެއާއެކު ސިދާރްތުގެ ހިތުގެ ނުތަނަވަސްކަން ވެސް ވަނީ އިތުރުވެފަ އެވެ. ސަބަބަކީ މި ފިލްމުގައި އޭނާ ކުޅެނީ ހަގީގީ ބަތަލެއްގެ ރޯލު ކަމަށް ވާތީ އެވެ. ކަރްގިލް ހަނގުރާމައިގެ ހީރޯ އަދި ހަނގުރާމައިގައި ފުރާނަ ގުރުބާންކުރާ އިންޑިޔާ މީހުންނަށް ދޭ ޕަރަމް ވީރް ޗަކްރް ލިބިފައިވާ ކެޕްޓަން ވިކްރަމް ބަޓްރާގެ ރޯލު ކަމަށް ވާތީ އެވެ.

"އަހަންނަށް އެނގޭ އޭނާގެ އާއިލާގެ މީހުން މި ފިލްމު ބަލާނެކަން. އެހެންވެ އެހާ ބޮޑަށް ހާސް ވަނީ. ކޮންމެ ގޮތެއް ވިޔަސް އެމީހުން ފިލްމު ބަލަން އަހަރެން ބޭނުން ވެސް ވޭ،" އިންޑިޔާގެ ނޫހަކާ ވާހަކަ ދައްކަމުން ސިދާރްތު ބުނެފައި ވެއެވެ.

ސިދާރްތު ބުނި ގޮތުގައި "ޝޭރްޝާހް" އަކީ މީގެ ފަސް ވަރަކަށް އަހަރު ކުރިއްސުރެ ދެކެމުން އައި ހުވަފެނެކެވެ. ފަސް އަހަރު ކުރިން ފެށުނު މި ޕްރޮޖެކްޓް ވަރަށް ގިނަ ބަޔެއްގެ އަތް މަތިން ބަދަލުވަމުން އައިސް އެންމެ ފަހުން ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ފިލްމާ ހަވާލުވެ ފިލްމު ފުރިހަމަ ކުރީ އެވެ.

މިހާރު ފިލްމު ރިލީޒްކުރަން ތައްޔާރުވަމުން ދާއިރު ސިދާރްތު އުޅެނީ ފިލްމު ޕްރޮމޯޓް ކުރުމުގެ އެކި މަސައްކަތްތަކުގައި ވަރަށް ބުރަކޮށެވެ.

އޭނާ ބުނި ގޮތުގައި މިއީ މުޅި ފިލްމު ކެރިއަރުގައި ވެސް މިހާތަނަށް އެންމެ ކުރާހިތުން ޝައުގުވެރިކަ މާއެކު ކުރި މަސައްކަތެވެ. އަދި މިހާތަނަށް ނުކުތް އޭނާގެ އެންމެ މޮޅު ފިލްމަށް މި ފިލްމު ވާނެކަމަށް ސިދާރްތު ގަބޫލު ކުރެ އެވެ.

"ޝޭރްޝާހް" ގައި ސިދާރްތު ކުޅެނީ ޑަބަލް ރޯލެވެ. އެއީ ކެޕްޓަން ބަޓްރާ އާއި އޭނާގެ އެއްމާބަނޑު ކޮއްކޮ ވިޝާލްގެ ރޯލެވެ. ވިޝާލް އާއި ބަޓްރާ އަކީ އެއްމާބަނޑު ދެބެންނަށް ވެސް މިޒާޖާއި ތޮބީއަތުގެ ގޮތުން އުޑާ ބިމާހާ ތަފާތު ދެ މީހުންނެވެ. އެހެންކަމުން ސިދާރްތު އަށް ދެ ކެރެކްޓާ ކުޅެން ޖެހުނީ ވަރަށް ތަފާތު ކޮށެވެ.

މިތަނުން އޭނާއަށް ކުޅެން އެންމެ އުނދަގޫވީ ކޮން ކެރެކްޓާއެއްތޯ ނޫސްވެރިއަކު ސިދާރްތު އާ ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ބުނީ ވަކި ރޯލެއް އުނދަގުލެއް އަދި ފަސޭހައެއް ވެސް ނޫނެވެ. އޭނާ ކުޅެނީ މިހާރު ވެސް ދުނިޔޭގައި ހުރި މީހެއްގެ ކެރެކްޓާއަކާއި ދުނިޔެ ދޫކޮށްފައިވާ މީހެއްގެ ކެރެކްޓާކަމުން އެމީހުންގެ އުޅުން ވަރަށް ފުރިހަމައަށް ކޮޕީކުރަން އޭނާއަށް މަޖްބޫރުވި ކަމަށް ސިދާރްތު ބުންޏެވެ.

"ޝޭރްޝާހް" އަކީ ބޮޑު ބަޖެޓަކުން އުފެއްދި ބޮޑު ފިލްމަކަށް ވާއިރު ސިނަމާތަކުގައި ނާޅުވައި އޯޓީޓީ ޕްލެޓްފޯމެއްގައި ރިލީޒްކުރުމާ މެދު ސިދާރްތު ދެކޭ ގޮތް ވެސް އޭނާ ހާމަ ކުރި އެވެ.

ސިދާރްތު ބުނި ގޮތުގައި އޯޓީޓީކޮށް ރިލީޒްކުރުމުން ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުގެ މީހުންނަށް އެއް ދުވަހެއްގައި އެއް ފަހަރާ ފިލްމު ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ. އޭގެ ބަދަލުގައި ސިނަމާތަކުގައި ރިލިޒްކޮށްފިނަމަ އެ ފުރުސަތު ލިބޭނީ މަދު ބަޔަކަށެވެ. ސަބަބަކީ އެކަށީގެންވާ ވަރަށް ސިނަމާތައް އަދި ހުޅުވާފައި ނެތުމެވެ.

އޮގަސްޓް 12 ވަނަ ދުވަހުން ފެށިގެން "ޝޭރްޝާހް" އެމެޒޯން ޕްރައިމް ވީޑިއޯއިން ސްޓްރީމް ކޮށްގެން ބަލާލެވޭނެ އެވެ.