ބޮލީވުޑް

ސިދާރްތުގެ "ޝޭރްޝާހް"ގެ އަސްލު ބަތަލުގެ ލޯބީގެ ވާހަކަ

މިދިޔަ ހަފުތާގައި އޯޓީޓީ ޕްލެޓްފޯމެއް ކަމަށްވާ އެމެޒޯން ޕްރައިމް ވީޑީއޯއިން ރިލީޒްކޮށްފައިވާ ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ "ޝޭރްޝާހް" އަށް ބޮލީވުޑް ފަންނާނުންނާއި ބެލުންތެރިން ވަރަށް ބޮޑަށް ދަނީ ތައުރީފު ކުރަމުންނެވެ.

މި ފިލްމަކީ އިންޑިއާ އާއި ޕާކިސްތާނުގެ މެދުގައި 1999 ޖުލައި މަހު ކުރެވުނު ކަރްގިލް ހަނގުރާމައިގައި މަރުވި ހިތްވަރުގަދަ ސިފައިންގެ މީހެއް ކަމަށްވާ ކެޕްޓަން ވިކްރަމް ބަޓްރާގެ ހަޔާތުގެ ވާހަކައަށް ކުޅެފައިވާ ފިލްމެކެވެ.

ވިކްރަމް ބަޓްރާ އަކީ އިންޑިއާ އަށް ވަފާތެރި އެ ގައުމުގެ ދަރިއެކެވެ. ނަމަވެސް އޭނާއަށް ގައުމުގެ ދިފާއުގައި ހަނގުރާމަކުރުމުގެ ހިތްވަރު ލިބުނީ ލޯބިވެރިޔާ އަދި ފަހުން އެންގޭޖްވީ ޑިމްޕަލް ޗީމާގެ ފަރާތުންނެވެ.

ވިކްރަމް އަށް ހިތްވަރުދީ އަބަދާއަބަދު އޭނާއަށް ސިޓީ ފޮނުވާ ހެދުމުގައި ޑިމްޕަލް ދެމިހުއްޓެވެ. ހަނގުރާމަ އެންމެ ވަރުގަދަވީ ދުވަސްވަރުވެސް ގައުމީވަންތަ ލޯބި ވިކްރަމްގެ ހިތުގައި ގަދަފަދަ ކުރުވީ ޑިމްޕަލްގެ ހިތްވަރު ދިނުމުގެ ބަސްތަކުންނެވެ.

އެ ހަނގުރާމައިގައި ހައްޔަރުވީ ބަޔަކު ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށް ވިކްރަމް ވަނީ މަރުވެފަ އެވެ. އަދި ވިކްރަމް މަރުވިތާ 22 އަހަރު ފުރުނުއިރުވެސް ޑިމްޕަލް ހުރީ ވިކްރަމްގެ ހަނދާނުގައި ކައިވެންޏެއް ވެސް ނުކޮށެވެ. ގައުމަށްޓަކައި ވިކްރަމް އޭނާގެ ފުރާނައިން ގުރުބާންވީ ގޮތަށް ޑިމްޕަލް ވެސް ހުރީ ވިކްރަމް އަށްޓަކައި އޭނާގެ ހަޔާތް ގުރުބާން ކޮށްގެންނެވެ.

ކައިވެނި ނުކުރިޔަސް ޑިމްޕަލް ދިރިއުޅެމުންދަނީ ވިކްރަމްގެ ހުވަފަތް އަނބިމީހާގެ ގޮތުގަ އެވެ. އަދި ދުވަހަކުވެސް ކައިވެންޏެއް ކުރާކަށް ޑިމްޕަލް ގަސްދެއް ނުކުރެ އެވެ.

ވިކްރަމް އާއި ޑިމްޕަލްގެ ލޯބީގެ ވާހަކަ ވަރަށް ވެސް ޝައުގުވެރި އެވެ. ދެ މީހުން ފުރަތަމަ ބައްދަލުވީ 1995 ގައި ޕަންޖާބު ޔުނިވަސިޓީންނެވެ. އެތަނުން ބައްދަލުވުމަށްފަހު ދެ މީހުން ލޯބީގެ ގޮތުން ގުޅުނެވެ. އެމީހުންގެ ލޯބީގެ ވާހަކައަށް އޮތީ ވަރަށް ހިތާމަވެރި ނިމުމެއް ކަމެއް އޭރު އެމީހުންނަށް ޚިޔާލަކަށް ވެސް ނާދެ އެވެ.

ފަހުން ވިކްރަމް، ދެހްރާދޫން އަށް ބަދަލުވެ އިންޑިއަން މިލިޓަރީ އެކަޑަމީއަށް ވަނެވެ. ދެ ލޯބިވެރިން ދެ ރަށެއްގައި ދިރިއުޅުނު ކަމަށް ވިޔަސް އެމީހުންގެ ލޯތްބަށް ކުޑަވެސް އުނިކަމެއް ނާދެ އެވެ. ދުވަހެއް ދުވަހަށް އެ ލޯބި ދިޔައީ ވަރުގަދަ ވަމުންނެވެ.

ދެމީހުންގެ ލޯތްބަށް ހަތަރު އަހަރު ފާއިތުވީއިރު ކައިވެނިކުރަން ދެ މީހުންގެ އާއިލާއިން ޕްރެޝަރު ކުރަން ފެށި އެވެ. ނަމަވެސް ދެ މީހުންނަށް އެކަށީގެންވާ ވަގުތު ނުލިބި ކައިވެނި ފަސްވެފައި އޮތީ އެވެ.

އާއިލާގެ މީހުން ޕްރެޝަރު ކުރާވަރުން ބައެއް ފަހަރު ޑިމްޕަލް ވަރަށް ސްޓްރެސް ވެގެން އެ ވާހަކަ ވިކްރަމް ކައިރީ ބުނެ އެވެ. ވިކްރަމް ބުނަނީ ޑިމްޕަލް ޝައުގުވެރިވާ ކަންތައްތައް ކުރުމުގައި ދެމިހުރުމަށެވެ. މާބޮޑަށް އެހެން ކަންކަމާ ފިކުރުބޮޑު ނުކުރުމަށެވެ.

ޑިމްޕަލް ބުނި ގޮތުގައި ރަސްމީކޮށް ކައިވެނި ނުކުރިޔަސް ހިންދޫ ދީނުގެ މީހުން ކައިވެނިކުރާ އުސޫލުތަކުގެ މަތިން ގާތްގަނޑަކަށް އޭނާ އާއި ވިކްރަމް ތިބީ ކައިވެނިކޮށްގެންނެވެ. އެގޮތުން ކައިވެނިކުރާ މީހުން އަލިފާންގަނޑުގެ ވަށައިގެން ހިނގާ އުސޫލުން އެމީހުން ފައްޅިއަކަށް ގޮސް އުޅުމުގެ ތެރޭގައި އެކަންވެސް ކުރިކަމަށް ޑީމްޕަލް ބުންޏެވެ. އަދި އެ ދުވަހު "ކޮންގްރެޖުލޭޝަންސް މިސިޒް ބަޓްރާ"އޭ ވިކްރަމް އޭނާއާ ދިމާލަށް ބުނިކަމަށް ވެސް ޑިމްޕަލް ބުންޏެވެ.

ނަމަވެސް ރަސްމީކޮށް ކައިވެނި ނުކުރެވި ގިނަ ދުވަސް ވާވަރަކަށް އޭނާގެ ހާސްކަން ބޮޑުވަމުން ދިޔަ ކަމަށާއި އެގޮތުން ވިކްރަމްއާ ބައްދަލުވީ ދުވަހަކު މާ ގިނައިން އެ ވާހަކަ ދައްކަން ފެށުމުން ޖީބުގައި އޮތް ކުޑަ ވަޅިއެއް ނަގައި ބޮޑުވާ އިނގިލިން ލޭ ދުއްވާލައިގެން އޭނާގެ ނިތްކުރި ލެއިން ފަވާލި ކަމަށް ޑިމްޕަލް ބުންޏެވެ. އެއީ ހިންދޫން އެމީހުންގެ އަނބިންގެ ގޮތުގައި އެ އަންހެނަކު ގަބޫލުކުރިކަމުގެ ނިޝާނެއްގެ ގޮތުން އިސްތަށިގަނޑު މެދުން ފަޅާ ރޮނގުގައި ހާކާ ރަތް ކުލައިގެ ބަދަލުގައި ވިކްރަމް އަމިއްލަ ލެއިން އަނބި ގަބޫލުކުރި ކުރުމެއްގެ ގޮތުގައި ޑީމްޕަލް ސިފަ ކުރެ އެވެ.

ޑިމްޕަލް ބުނި ގޮތުގައި އެއީ ވިކްރަމް އާއި އޭނާގެ ލޯބީގެ ހަޔާތުގެ އެންމެ އަސަރުގަދަ ވަގުތުކޮޅެވެ. އަދި އެ ހަނދާން މުޅި އުމުރަށް އޭނާއާ އެކުގައިވާނެތީ އެވެ.

އެންމެ ފަހުން ވިކްރަމް އާއި ޑިމްޕަލް އެއްބަސްވީ ކާރްގިލް ހަނގުރާމަ ނިންމާފައި ވިކްރަމް އައުމާއެކު ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ. ނަމަވެސް އެ ހަނގުރާމައިން ވިކްރަމް އަކަށް އެނބުރިއެއް ނާދެވުނެވެ. ޖުލައި 7، 1999 ގައި ވިކްރަމްގެ މެޔަށް އެރި ވަޒަނަކުން އޭނާ މަރުވީ އެވެ.

ޑިމްޕަލް ބުނި ގޮތުގައި ފާއިތުވީ 22 އަހަރު ތެރޭގައި އެންމެ ދުވަހަކުވެސް ވިކްރަމް އޭނާއާ އެކުގައި ނެތްކަމުގެ އިހްސާސް އޭނާއަކަށް ނުކުރެވެ އެވެ. ވީމާ އެހެން މީހަކާ އޭނާ ކައިވެނިކުރާނެ ގޮތެއް ނުވިސްނޭ ކަމަށް ޑިމްޕަލް ބުންޏެވެ.

"ޝޭރްޝާހް"ގައި ސިދާރްތު ކުޅެފައިވަނީ ވިކްރަމްގެ ރޯލެވެ. ޑިމްޕަލްގެ ރޯލު ކުޅެފައިވަނީ ކިއާރާ އެވެ.