ބޮލީވުޑްގެ ލޯބީގެ ޖޯޑު ކިއާރާ އަދުވާނީ އާއި ސިދާރްތު މަލްހޯތުރާ ވެސް އަންނަ އަހަރު ކައިވެނި ކުރަން ތައްޔާރުވާން ފަށައިފި ކަމަށް އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
"ޝޭރްޝާހް" އިން އެމީހުންގެ ސްކްރީން ގުޅުން ވަރަށް ފުރިހަމަކަން ދައްކާދީފައިވާ މި ދެ ތަރިންގެ ގުޅުމަށް ރަސްމީކޮށް އެއްބަސްވެފައި ނުވިޔަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަރަށް ގިނަ އަހަރު ތަކެއް ވެއްޖެ އެވެ.
ސިދާރްތު އާއި ކިއާރާގެ އިންޓަވިއު ތަކުގައި އެމީހުންގެ އޮންނަ ގުޅުމާ ގުޅޭ ބައެއް ކަހަލަ އިޝާރާތްތައް ދިނަސް ސީދާކޮށް އެ ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް އެކުގައި ރޭގަނޑުގެ ކެއުންތަކަށާއި އެކި ޕާޓީތަކަށް ދާތަން ފެނެ އެވެ. އަދި މިއަހަރު ރާއްޖޭގައި ވެސް ދެ އެކްޓަރުން ވަނީ ކުރު ޗުއްޓީއެއް ހޭދަ ކޮށްފަ އެވެ.
ކިއާރާ އާއި ސިދާރްތު އަންނަ އަހަރު ކައިވެނި ކުރަން ގަސްތު ކުރިޔަސް މީޑިއާގައި އެ ވާހަކަ ދައްކާނެ ކަމަކަށް ނުބެލެވެ އެވެ. ވިކީ ކޯޝަލް އާއި ކެޓުރީނާ ކައިފް ހެދި ގޮތަށް އެމީހުން ވެސް ކައިވެނި ކުރިކަން އިއުލާން ކުރާނީ ހުރިހާ ކަމެއް ނިމުނީމަ ކަމަށް ބެލެވެ އެވެ. ސަބަބަކީ މިއީ ކެޓުރީނާ މެން ނޫނަސް ބޮލީވުޑް ތަރިން އާންމުކޮށް ކަން ކުރާ އުސޫލު ކަމަށް ވާތީ އެވެ.
ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ދެ ފަރާތުގެ އާއިލާ ބައްދަލުކޮށް ކަމާ ގުޅޭ މަޝްވަރާތައް ކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
"ޝޭރްޝާހް" ގެ ޕްރޮމޯޝަންގައި އުޅެމުން ސިދާރްތު ދީފައިވާ އިންޓަވިއުއެއްގައި ކިއާރާ އަށް ވަރަށް ތައުރީފު ކޮށްފައި ވެއެވެ. އޭނާ ކިއާރާ ސިފަ ކުރީ ވަރަށް ތެދުވެރި، ސިމްޕަލް އަދި އިތުބާރާއެކު މަސައްކަތްކުރާ ބަތަލާއެއްގެ ގޮތުގަ އެވެ.
އޭނާ ބުނި ގޮތުގައި އެކުގައި އެމީހުން ހޭދަކުރާ ވަގުތަކީ ވަރަށް ހިތްހަމަޖެހޭ ވަގުތު ތަކެކެވެ. އަދި ފިލްމީ މަސައްކަތް ކުރާ ވަގުތު ނޫން ވަގުތު ތަކުގައި ވެސް އެމީހުން މުހިއްމު ކަންކަން ކުރަން އެކުގައި ވަގުތު ހޭދަކުރެ އެވެ.
"ޝޭރްޝާހްގެ ޑިމްޕަލްގެ ރޯލަށް ވެސް ކިއާރާ ގެންނަން އަހަރެމެން އެންމެންވެސް ތިބީ ކެތްމަދުވެފަ. ސަބަބަކީ އެކްޓްކުރުމުގައި އޭނާ ގެންގުޅޭ ގޮތް އަހަރެންނަށް ވަރަށް ކަމުދާތީ،" ސިދާރްތު ބުނެފައި ވެއެވެ.