މޯލްޑިވްސް ނޭޝަނަލް ޕާޓީ

ކުރީގެ މިނިސްޓަރު އަންޑޭ އެމްއެންޕީއަށް

ކުރީގެ މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިއްޖެ އެވެ.

ރައީސް ވަހީދުގެ ކެބިނެޓްގައި ހިމެނިވަޑައިގެން އަދި ފަހުން ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި ސަފީރެއްގެ ގޮތުގައި ހުންނެވި އަންޑޭ އެމްއެންޕީއާ ގުޅިފައިވާ ކަމަށް އެ ޕާޓީން ރޭ ވަނީ ބުނެފަ އެވެ. އެ ޕާޓީން ބުނީ ދައުލަތުގެ މުހިންމު މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު ޕާޓީއާ ގުޅުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ.

އަންޑޭ ވަނީ ކުރީން ޑީއާރުޕީ އާއި ޕީޕީއެމްގައި ވެސް މަސައްކަތްކޮށްފައެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެންބަރުންގެ ސޮއި ވަނީ ހަމަކޮށްފަ އެވެ. އެ ޕާޓީ ރަޖިސްޓްރީ ކޮށްދޭން އެދި ހުށައެޅުމަށް ހަމަޖެހިފައި ވަނީ ގިނަ އަދަދެއްގެ މެންބަރުންނާއެކު ކަމަށް އެނގިފައިވެއެވެ.

މިހާރުވެސް އެޕާޓީއަށް ނިސްބަތްވާ ފަސް މެންބަރަކު މަޖިލީހުގައި ތިއްބަވަ އެވެ. އެއީ ޕާޓީގެ އެއް ފައުންޑާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ.