ދުނިޔެ

ޕާކިސްތާން-އަފްޣާން: މުދާ އުފުލާ ލޮރީތަކުގެ ވާހަކަ

ޕާކިސްތާން - އަފްޣާން ބޯޑަރު ސަރަހައްދުން ބޮޑު ބައެއް ތާލިބާނުން މިހާރު އޮތީ އަތްދަށުލާފަ އެވެ. އޭގެ ތެރޭގައި ވަރަށް މުހިންމު ޗެކްޕޮއިޓްތަކެއް ވެސް ހިމެނެ އެވެ. މިކަމާ ގުޅިގެން ބޯޑަރު ހުރަސްކޮށް ދަތުރުކުރާ މުދާ އުފުލާ ލޮރީތަކުން ހަނގުރާމަވެރިން ފައިސާ އަތުލާ މައްސަލަ އޮތީ ހޫނުވެފަ އެވެ.

ޕާކިސްތާނުން މުދާ ބަރުކޮށްގެން އަދި އަފްޣާނުން މުދާ އަރުވައިގެން ލޮރިތައް ބޯޑަރު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރަމުން ދާއިރު އާދައިގެ ހާލަތްތަކުގައި ވެސް އޮފިސަރުންނަށް ސައިބޯލާނެ ފަދައެއް ނުދީ ޗެކް ޕޯސްޓްތަކުން ސަލާލަތްވެވޭނެ ގޮތެއް ނޯވެ އެވެ.

މިކަން މިހެއް އޮއްވައި މުދާ އުފުލާ ލޮރީތައް ދަތުރުކުރާ މަގުތަކަށް ތާލިބާނުން ވެރިވެގަތުމުން ޑްރައިވަރުން މިހާރު ތިބީ ހަދާނެ ގޮތް ހުސްވެފަ އެވެ. ހަނގުރާމަވެރިން ލޮރީތަކާ ދިމާކުރުން ޑްރައިވަރުންނަށް ވެފައި ވަނީ ބޮޑު ބިރުވެރި ކަމަކަށެވެ. ފައިސާނުދީފަ ނަމަ ލޫޓުވުމާއި ފުރޮޅަށް ބަޑިޖަހުން ފަދަ އަމަލުތައް ދަނީ ހިންގަމުންނެވެ.

ޗެކް ޕޮއިންޓްތައް ހުރަސްކުރަން ރަސްމީކޮށް ދައްކަން ޖެހޭ ފައިސާގެ އިތުރުން ތާލިބާނުންގެ ކުދި ބޮހުންގެ ކިބައިން ސަލާމާތްވާން އަދި އިތުރު އަގެއް ދައްކަން ޖެހެ އެވެ. ޑްރައިވަރުން ބުނާ ގޮތުން މުދާ ހިފައިގެން ރަށަށް ދެވޭއިރު އޮންނަނީ އެތަކެތި ވިއްކައިގެން ފައިދައެއް ނުވާ ވަރަށް ހޭދަ ބޮޑުވެފަ އެވެ.

ޕާކިސްތާނާ އަފްޣާންއާ ދެމެދު ކުރެވޭ މިފަދަ ދަތުރުތައް ފަދައިން އަފްޣާން އާއި އީރާން، ތަޖިކިސްތާން އަދި ތުރުކްމެނިސްތާނާ ގުޅިފައި އޮންނަ ބޯޑަރު ސަރަހައްދުގައި ވެސް މުދާ އުފުލާ ލޮރިތަކަށް ބިރުދެއްކުމާއި ފޭރުން އަދި ލޫޓުވުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް ވަނީ އިތުރުވެފަ އެވެ.

"އަހަރެމެން ދަތުރުކުރީ ކަންދަހާރުން މޭބިސްކަދުރު ބަރުކޮށްގެން،" ހިދާޔަތުﷲ ޚާން އޭއެފްޕީއަށް ކިޔައިދިނެވެ. "ތިން ފަހަރު ހިފެހެއްޓި އަދި ކޮންމެ ފަހަރަކު ވެސް ފައިސާއާ ތަކެތި ދޭން ބުނޭ،" އޭނާ ބުންޏެވެ.

"ބައެއް ފަހަރު 3،000 ރުޕީޒް (20 ޑޮލަރު) އަތުލާ. އަދި ބައެއް ޕޮއިންޓްތަކުން 2،000 އާއި 1،000 ރުޕީސް ވެސް އަތުލާ" އޭނާ ބުންޏެވެ. ހިދާޔަތުﷲ ޚާން ބުނީ އެއީ އަދި ރަސްމީކޮށް ދައްކަން ޖެހޭ ޓެކުހެއްގެ އިތުރުން ހިނގާ ޚަރަދެއް ކަމަށެވެ.

ޕާކް-އަފްޣާން ޖޮއިންޓް ޗެމްބާ އޮފް ކޮމާސްގެ ނައިބުރައީސް އިމްރާން ކާކަރު ވިދާޅުވި ގޮތުން ކަރާޗީން ފޮތި ބަރުކޮށްގެން ދަތުރުކުރި ލޮރީއަކުން ތާލިބާނުން 150،000 ރުޕީޒް (1،000 ޑޮލަރު) އަތުލައި ލޮރީ ދޫކޮށްލުމުން ގޮސް ކަންދަހާރަށް ވަނުމުން އަފްޣާން އޮފިޝަލުން ވެސް ފައިސާ ދައްކަން އެދުނެވެ.

އަފްޣާން ސަރުކާރު އޮފިޝަލުން / ކަސްޓަމްސްއިން ބުނާ ގޮތުން ތާލިބާނުން އަތުލާ ފައިސާ އަކީ އަފްޣާންގެ ބައިތުލްމާލަށް ވަންނަ އެއްޗެއް ނޫނެވެ.

"އެކަމަކު މިނޫން ގޮތެއް މިވަގުތަކު ނެތް،" ޑްރައިވަރެއް ކަމަށްވާ އަބްދުލް ރައްޒާގު ބުންޏެވެ. "ކަނޑި އާއި ބަޑިން ބިރުދެއްކިއަސް އަދި ބޮލުގަ ޖެހޭ ފަށުން ރޮކެޓްތައް ދިއަޔަސް މިދަތުރުތައް ކުރަން އެބަ ޖެހޭ" އޭނާ ބުންޏެވެ.