ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް، އެ ޔުނިވާސިޓީން ވަކިކުރި ނަމަވެސް އަލުން ވަޒީފާ އިއާދަކުރަން ޖެހޭ ހާލަތެއްގައި ކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ގައުމީ ޔުނިވާސިޓީގެ މައްޗަށް އަމުރުކޮށްފި އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން އެ ގޮތަށް އެންގީ އިޔާޒު ގައުމީ ޔުނިވާސިޓީއާ ދެކޮޅަށް ހުށައެޅި މައްސަލަ ބަލަމުން ގެންދަނިކޮށް އޭނާ ވަޒީފާއިން ވަކިކުރުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާ ނިންމުމެއްގެ ސަބަބުން އިޔާޒުގެ ވަޒީފާ އިއާދަކުރުމަށް ނިންމާ ހާލަތެއްގައި އެކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް ގައުމީ ޔުނިވާސިޓީގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އިޔާޒު ހުށައެޅި މައްސަލަ ބެލުމަށް ފަހު އެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ވަނީ އެ އިދާރާއިން ގޮތްތަކެއް ނިންމުމުގެ ކުރީން އިޔާޒު އަދާކުރަމުންދިޔަ ވަޒީފާއަށް ދާއިމީ މީހަކު ހަމަނުޖެއްސުމަށާއި ވަޒީފާ އިއާދަކުރުމަށް ނިންމާ ހާލަތެއްގައި އެކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް އަންގާފައެވެ.
އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ޖުލައި ފުރަތަމަ ދުވަހު އެވެ. އޭގެ ކުރީން ދެ ފަހަރެއްގެ މަތިން އިޔާޒުގެ މައްސަލަ ގައުމީ ޔުނިވާސިޓީން ބަލާފައިވެއެވެ.
އިޔާޒު ވަޒީފާއިން ވަކިކޮށްފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ނަަމަވެސް އެ ޕޯސްޓް ކުރެވި ސަބަބު އިޔާޒު ވަނީ ސާފުކޮށްދެއްވާފައެވެ. ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއްކަމުގައި ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ.
އަދި ވިދާޅުވީ އޭނާ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން އަންގައި ދޭން ކަމަށެވެ.