ޑރ. މުހައްމަދު އިޔާޒް

އިޔާޒްއާ އެއްކޮޅަށް މައްސަލަ ނިމިއްޖެ

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ގައުމީ ޔުނިވާސިޓީގައި އަދާ ކުރަމުން އައި ވަޒީފާއިން ސަސްޕެންޑް ކުރީ ގާނޫނާއި ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ. އިޔާޒް ސަސްޕެންޑްކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށައެޅީ އޭޕްރީލް 5، 2021 ގައެވެ.

އެ މައްސަލައަށް ގޮތް ނުނިންމާ ވަނިކޮށް ޖޫން 1، 2021 ގައި އިޔާޒް ވަނީ ޔުނިވާސިޓީން ވަކިކޮށްފައެވެ.

ޑރ. އިޔާޒް މިއަދު ވިދާޅުވީ ގައުމީ ޔުނިވާސިޓީގައި އަދާ ކުރަމުން އައި ވަޒީފާއިން ސަސްޕެންޑް ކުރީ ގާނޫނާއި ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ކަމަށެވެ.

އިޔާޒަކީ އެ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު / ސީނިއާ ލެކްޗަރާ އެކެވެ. އިޔާޒު ސަސްޕެންޑް ކުރިކަން އެންގީ މާޗް ހަތަރުވަނަ ދުވަހު އެވެ. ސަސްޕެންޑް ކުރީ 14 ދުވަހަށެވެ. ސަސްޕެންޑް ކުރުމުގެ ކުރީން ވެސް އެކި ފަހަރު މަތިން ޔުނިވާސިޓީން ވަނީ އިޔާޒަށް އިންޒާރުކޮށްފަ އެވެ.

އިޔާޒަށް އިންޒާރުދީ ސަސްޕެންޑް ކޮށްފައި ވަނީ އޭނާ ކުރައްވާ ޓްވީޓްތަކާއި ގުޅިގެން ޔުނިވާސިޓީގެ ތަސައްވުރަށް ގެއްލުން ލިބޭ ކަމަށް ބުނެ އެވެ. ނަމަވެސް ޔުނިވަސިޓީން ކުރާ އެ ތުހުމަތުތައް އިޔާޒް ގެންދެވީޫ ދޮގު ކުރައްވަމުންނެވެ.

އިޔާޒު ވަޒީފާއިން ވަކިކޮށްފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ނަަމަވެސް އެ ޕޯސްޓް ކުރެވި ސަބަބު އިޔާޒު ވަނީ ސާފުކޮށްދެއްވާފައެވެ. ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއްކަމުގައި ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ.

އަދި ވިދާޅުވީ އޭނާ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން އަންގައި ދޭން ކަމަށެވެ.

އެ މައްސަލަވެސް އޮތީ ޓްރައިބިއުލަންގައެވެ.