ޑރ. މުހައްމަދު އިޔާޒް

އިޔާޒަށް ވަޒީފާ ދިނުމަށް އަމުރުކޮށްފި

Jun 20, 2022

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައި ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒަށް އަލުން ވަޒީފާ ހަމަޖައްސައިދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ޑރ. އިޔާޒު މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން އެއްވަނަ ދުވަހު އެވެ.

ވަޒީފާ އިން ވަކިކުރި މައްސަލަ ޑރ. އިޔާޒު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން މިއަދު ނިންމާފައިވަނީ ޑރ. އިޔާޒު މަގާމުން ވަކިކޮށްފައިވަނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ ވަޒީފާ އިން ވަކިކުރި އިރު ހުރި ވަޒީފާއަށް އަނބުރާ އިއާދަކޮށް ކުރިން ލިބުނު މުސާރަ ވެސް ހަތް ދުވަސް ތެރޭ ހަމަޖައްސައިދިނުމަށް އަމުރުކޮށްފައިވެ އެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ސީނިއާ ލެކްޗަރާއެއްގައި މަގާމުގައި އިޔާޒު ހުންނަވަނިކޮށް ވަޒީފާއިން ވަކިކުރުމުގެ ކުރިން މިދިޔަ އަހަރުގެ މާޗް ހަތަރު ވަނަ ދުވަހު އޭނާ ވަޒީފާ އިން ސަސްޕެންޑް ވެސް ކުރި އެވެ.

އިޔާޒަށް އިންޒާރުދީ ސަސްޕެންޑްކޮށް އަދި ފަހުން ވަޒީފާ އިން ވަކިކޮށްފައިވަނީ އޭނާ ކުރައްވާ ޓްވީޓްތަކާއި ގުޅިގެން ޔުނިވާސިޓީގެ ތަސައްވުރަށް ގެއްލުން ލިބޭ ކަމަށް ބުނެ އެވެ. ނަމަވެސް ޔުނިވަސިޓީން ކުރާ އެ ތުހުމަތުތައް އިޔާޒް ގެންދެވީ އަބަދުވެސް ދޮގު ކުރައްވަމުންނެވެ.

އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ނަަމަވެސް އެ ޕޯސްޓް ކުރެއްވި ސަބަބު އިޔާޒު ވަނީ ސާފުކޮށްދެއްވާފަ އެވެ. ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއް ނޫން ކަމަށާއި އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ. އެމައްސަލައިގައި ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން ބަޔާންކޮށްދެއްވުމަށް ކަމުގައިވެސް އިޔާޒު ވިދާޅުވެފައިވެ އެވެ.