ކުޅިވަރު

އުސެއިން ބޯލްޓަށް ވުރެ ބާރަށް ދުވާ ކުޅުންތެރިއެއް؟

Nov 21, 2015

ޖެމެއިކާގެ މަޝްހޫރު ދުވުންތެރިޔާ އުސެއިން ބޯލްޓް 2009 ވަނަ އަހަރު 100 މީޓަރުގެ ދުވުމުގައި ދުނިޔޭގެ ރިކޯޑް މުގުރާލިއިރު އެ ރޭހުގެ ފުރަތަމަ 40 މީޓަރު ކަޑައްތުކުރަން އޭނާ އަށް ނެގީ 4.64 ސިކުންތެވެ. އާސެނަލްގެ ޑިފެންޑަރު ހެކްޓާ ބެލެރިން އެ ވަނީ 40 މީޓަރުގެ ދުވުމެއް 4.41 ސިކުންތުން ގެންގޮސްފަ އެވެ.

އެހެންވީމަ އުސެއިން ބޯލްޓް ނުވަތަ ދުނިޔޭގައި ހުރި އެންމެ ބާރު ދުވުންތެރިޔާގެ މައްޗަށް އާސެނަލްގެ މި ޑިފެންޑަރަށް ދުވާ ޓްރެކުގައި ކުރި ލިބިދާނެ ހެއްޔެވެ؟

ބޯލްޓާ ރޭސްޖެހުމަށް ޝައުގުވެރިވޭތޯ ސުވާލުކުރުމުން ބެލެރިން ބުނެފައި ވަނީ އެއީ ޔަގީނަށް ވެސް އެ ފުރުސަތެއް ލިބިއްޖެ ނަމަ ދޫކޮށްނުލާނެ ފުރުސަތެއް ކަމަށެވެ.

"އެކަމަކު ޓްރެކުގައި އޭނާއާ ދެކޮޅަށް ކުރެވޭނެ ކަމެއް އޮތްހެނެއް ހީއެއް ނުވޭ. އޭނާ އަކީ ސްޕްރިންޓާއެއް. އަދި ދުނިޔޭގައި ވެސް ހުރި އެންމެ ބާރު ދުވުންތެރިޔާ،" ސްޕެއިން އަށް ނިސްބަތްވާ ބެލެރިން ބުނެފައި ވަނީ މިހެންނެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ސްޕީޑް ރިކޯޑްތަކަށް ބަލާއިރު މި އަހަރުގެ އެންމެ "ބާރު ދުވުންތެރިޔަކީ" ބެލެރިން އެއް ނޫނެވެ. ޕްރިމިއަ ލީގުގެ ކުޅުންތެރިންގެ ޑާޓާ ބަލަހައްޓާ ކުންފުންޏެއް ކަމުގައިވާ ކައިރޮންހީގޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ސީޒަނުގައި އެންމެ ސްޕީޑް ބާރު ކުޅުންތެރިޔަކީ ލެންސެސްޓާ ސިޓީގެ ޖޭމީ ވާޑީ އެވެ. އޭނާގެ ޓޮޕް ސްޕީޑަކީ ގަޑިއަކު 35.44 ކިލޯމީޓަރެވެ.

ބެލެރިންގެ އެންމެ ޓޮޕް ސްޕީޑެއްގެ ގޮތުގައި މިހާތަނަށް ރިކޯޑްކުރެވިފައި ވަނީ ގަޑިއަކު 34.74 ކިލޯމީޓަރެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު ޕްރިމިއަ ލީގުގައި އެންމެ ބާރަށް ދުވާ ކުޅުންތެރިންގެ އެންމެ މަތީ ސްޕީޑެއްގެ ގޮތުގައި އާންމުކޮށް ރިކޯޑްކުރެވިފައި ވަނީ ގަޑިއަކު 36 ކިލޯމީޓަރުގެ ރިކޯޑެވެ.

އުސެއިން ބޯލްޓްގެ ޓޮޕް ސްޕީޑަކީ ގަޑިއަކު 44.72 ކިލޯމީޓަރެވެ. މިއީ 100 މީޓަރުގެ ދުނިޔޭގެ ރިކޯޑް އޭނާ މުގުރާލި ސްޕީޑެވެ.