ޓެކްނޯލޮޖީ

ޓެލެގްރާމްއިން މިހާރު އެއްފަހަރާ 1000 މީހުނަށް ވީޑިއޯ ކޯލް ކުރެވޭ

ޓެލެގްރާމްގެ އެންމެ ފަހުގެ އަޕްޑޭޓާއި އެކު ގްރޫޕް ވީޑިއޯ ކޯލްތަކުގައި މިހާރު 1000 މީހުންނަށް ބައިވެރިވެވޭ ގޮތަށް ހަދައިފި އެވެ.

ގްރޫޕް ވީޑިއޯ ކޯލްތަކަށް ގެނައި މި ބަދަލަކީ ހަމައެކަނި ވީޑިއޯ ކޯލްގައި ބައިވެރިވެ އެ ކޯލް ބަލާލުމަށް ގެނައި ބަދަލެކެވެ.

ކުރިއެކޭ އެއްގޮތައް އަދިވެސް ވީޑިއޯ ކޯލްގައި ވީޑިއޯ އަދި އޯޑިއޯ ޝެއާ ކުރެވޭނީ އެންމެ ގިނަވެގެން 30 މީހުންނަށެވެ. ނަމަވެސް އެ ވީޑިއޯ ކޯލްގައި ބައިވެރިވެ އެ ކޯލް ބަލާލުމަށް މިހާރު 1000 މީހުނަށް އެ ކޯލްއަށް ޖޮއިން ކުރެވޭނެ އެވެ.

ޓެލެގްރާމުން މި ފީޗާ އާންމުންނަށް ދޫކޮށްލަމުން ބުނެފައިވަނީ މި ފީޗާއަކީ "އޮންލައިން ލެކްޗާސް" ތަކުން ފެށިގެން މިއުޒިކް ކޮންސެޓެއް ބޭއްވުމަށްވެސް ބޭނުން ކުރެވިދާނެ ފީޗާއެއް ކަމަށެވެ.

މި ބޮޑު ބަދަލުގެ އިތުރުން އެޕްލިކޭޝަނަށް އިތުރު ކުދި ފީޗާ ތަކެއްވެސް ގެނެސްފައިވެ އެވެ. މީގެ ތެރޭގައި "ވަން އޮން ވަން" ވީޑިއޯ ކޯލް ތަކުގައި ސްކްރީން ޝެއާ ކުރެވޭ ފީޗާ ހިމެނެ އެވެ. އަދި މި ފީޗާގައި ޝެއާ ކުރާ ސްކްރީނުން އޯޑިއޯ ފޮނުވޭނެ އެވެ.

ޓެލެގްރާމުގެ މެސެޖް "އޮޓޯ ޑިލީޓް" ފީޗާއަށް ވެސް މިހާރު އިތުރު ބަދަލުތަކެއްް ގެނެސްފައިވެ އެވެ. މިހާރު މެސެޖްތައް އޮޓޯ ޑިލީޓްވާ މުއްދަތަކަށް އެއް މަސް ދުވަހުގެ ގޮތުގައި ހެދެ އެވެ. މީގެ ކުރިން އެންމެ ދިގު މުއްދަތަކަށް އޮޓޯ ޑިލީޓް ސެޓް ކުރެވެނީ އެއް ހަފްތާ އަށެވެ.

މިނޫންވެސް ގިނަ ބަދަލުތަކެއް ޓެލެގްރާމްގެ އާ އަޕްޑޭޓާއި އެކު ގެނެސްފައިވެ އެވެ. އަދި މިހާރު މި ފީޗާތައް އެޕްލިކޭޝަންގެ އެންމެ ފަހުގެ އަޕްޑޭޓާއި އެކު ސަޕޯޓް ކުރާ ފޯނުތަކުން ބޭނުން ކުރެވޭނެ އެވެ.