މަޝްހޫރު ސޯޝަލް މީޑިއާ އެޕްލިކޭޝަން ޓިކްޓޮކްގައި ވީޑިއޯ ސްޓޯރީ ފީޗާއެއް އެޕްލިކޭޝަނަށް ގެނައުމަށް ޓެސްޓް ކުރަމުން ގެންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.
ސްނެޕްޗެޓް، ފޭސްްބުކް އަދި އިންސްޓަގްރާމް ފަދަ އެޕްލިކޭޝަން ތަކުގައި މިހާރުވެސް ބޭނުން ކުރެވޭ މި ފީޗާ އަކީ 24 ގަޑިއިރު ވަންދެން "ސްޓޯރީ" އެއްގެ ގޮތުގައި ފެންނަން ހުންނާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ފީޗާ އެކެވެ. ޓިކްޓޮކްއިން މިހާރު ވަނީ މި ފީޗާ ޓެސްޓިން މަރުހަލާއަށް ގެނެސްފަ އެވެ.
މި ފީޗާ މެދުވެރިކޮށް ޓިކްޓޮކް ބޭނުން ކުރާަ ފަރާތްތަކަށް އެމީހުން ފޮލޯ ކުރާ ފަރާތްތަކުން ސްޓޯރީގެ ގޮތުގައި ލާ ކޮންޓެންޓް 24 ގަޑިއިރު ވަންދެން ބަލައިލެވޭނެ އެވެ. އަދި ބޭނުންވާ ފަރަތްތަކުން އަމިއްލައަށް ވެސް ސްޓޯރީ އަޕްލޯޑް ކުރެވޭނެ އެވެ.
ޓިކްޓޮކްއިން މި އާ ފީޗާ ޓެސްޓް ކުރާ ކަމަށް ބުނެފައި މިވަނީ ވަޓްސްއެޕުން އެ އެޕްލިކޭޝަންގެ އާ "ޑިސަޕިއަރިން މީޑިއާ" ނުވަތަ ހުޅުވުމަށްފަހު އަމިއްލައަށް ޑިލީޓްވާ ގޮތަށް ވީޑިއޯ އަދި ފޮޓޯ ފޮނުވޭ ފީޗާ ތައާރަފް ކޮށްފައި ވަނިކޮށެވެ. އަދި ވާދަވެރި ސޯޝަލް މީޑިއާ އެޕްލިކޭޝަން، ޓްވިޓާގެ ސްޓޯރީ ފީޗާ އެ އެޕްލިކޭޝަނުން ނަގާފައިވާ ދަނޑިވަޅެއްގަ އެވެ.
ޓިކްޓޮކްގެ މައި ކުންފުނި ކަމަށްވާ ޗައިނާގެ ބައިޓްޑާންސް ކުންފުނިން މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެކުންފުނިން އަބަދުވެސް ދަނީ އެ އެޕްލިކޭޝަން ބޭނުން ކުރެވޭނެ އާ ގޮތްތަކެއް ތައާރަފް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
ޓިކްޓޮކަކީ އަބަދުވެސް މީހުން ޝައުގުވެރިވާނެ އަދި ބޭނުން ކުރާ ހިތްވާަ ގޮތަށް ފަރުމާކޮށް އަދި ބަދަލުތައް ގެންނަމުންދާ އެޕްލިކޭޝަނެއް ކަމަށްވެސް ބައިޓްޑާންސުން ބުނެފައިވެ އެވެ.
"މިހާރު އަޅުގަނޑުމެން މިދަނީ ޓިކްޓޮކް ހަދާ ފަރާތްތަކަށް އެ ފަރާތްތަކުން އުފަައްދާ ކޮންޓެންޓް ހިއްސާ ކުރެވޭނެ އާ ގޮތްތަކެއް ޓެސްޓު ކުރަމުން" ބައިޓްޑާންސުން ބުނެފައިވެ އެވެ.
މި އާ ފީޗާ ޓެސްޓިން މަރުހަލާގައި އޮތް އިރު މި ފީޗާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އާންމުންނާ ހަމައަށް އަންނާނެ ވަކި ތާރީހެއް ޓިކްޓޮކުން އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.