ޓެކްނޯލޮޖީ

ވަޓްސްއެޕުން އެއްފަހަރު ބެލޭ ގޮތަށް މިހާރު ފޮޓޯ އަދި ވިޑިއޯ ފޮނުވޭ

ވަޓްސްއެޕަށް އައި އެންމެ ފަހުގެ އަޕްޑޭޓާއި އެކު ފޮޓޯ އަދި ވީޑިއޯ އެއްފަހަރު ބެލޭގޮތައް ފޮނުވޭ ފީޗާ ތައާރަފަކޮށްފި އެވެ.

މިމަހުގެ ތިންވަނަ ދުވަހު ނެރެންފެށި މި އަޕްޑޭޓް، ވަޓްސްއަޕް ސަޕޯޓު ކުރާ ހުރިހާ ޑިވައިސްތަކެއްގައި ބޭނުން ކުރެވޭނެ އެވެ. އަދި މި އަޕްޑޭޓާއި އެކު އެޕްލިކޭޝަނަށް ގެނައި އެންމެ ބޮޑު އާ ފީޗާ އަކީ ފޮޓޯ އަދި ވީޑިއޯ އެއްފަހަރު ބެލުމަށް ފަހު ޑިލީޓްވާ ގޮތަށް ފޮނުވޭ ފީޗާ ތައާރަފް ކުރުމެވެ.

ސްނެޕްޗެޓުން ފޮނުވާ ފޮޓޯ ގޮތަށް މި ފޮޓޯ ތަކަކީވެސް ދެވަނަ ފަހަރަށް ނުހުޅުވޭ ގޮތަށް ފޮނުވޭ ފޮޓޯ ތަކެކެވެ. އަދި ސްނެޕްޗެޓާއި ހިލާފަށް މި ފޮޓޯތައް ހުޅުވާފައި ބޭންދޭނެ ވަކި ވަގުތެއް ކަނޑައަޅާފައެއް ނުވެ އެވެ. "ވިއު ވަންސް" ފީޗާގެ ގޮތުގައި މި ތައާރަފް ކުރި ފީޗާއަކީ މީގެ ކުރިން ވަޓްސްއެޕުން ތައާރަފް ކުރާނެ ކަމަށް ބުނެފައިވާ ފީޗާ އެކެވެ.

ގިނަ ދުވަސްތަކަކު މި ފީޗާ ޓެސްޓް ކުރުމަށްފަހު އާންމުންނަށް މި ފީޗާ ބޭނުންކުރެވޭ ގޮތަށް ނެރެފައި މިވަނީ ބީޓާ މަރުހަލާގައި މި ފީޗާ އޮންނަތާ މަހެއް ފަހުންނެވެ.

މި ފީޗާ ބޭނުން ކުރުމަށް ފޮޓޯ ނުވަތަ ވީޑިއޯ ފޮނުވާ ވަގުތު "ސެންޑް" ބަޓަން އާއި ޖެހިގެން އިންނަ "1" ބަޓަނަށް ފިތާލުމުން މި ފީޗާ ބޭނުން ކުރެވޭނެ އެވެ.

މިގޮތަށް ފޮނުވާ ވީޑިއޯތަކާއި ފޮޓޯތައް ލިބޭ ފަރާތަށް އެ ފޮޓޯ ނުވަތަ ވީޑިއޯ ތަކަކީ އެއްފަހަރު ބެލޭ ގޮތަށް ފޮނުވާފައި ހުރި ފޮޓޯތަކެއްކަން އެނގޭނެ އެވެ.