ޓެކްނޯލޮޖީ

ފޭސްްބުކް ގްރޫޕްސްއާއި ވާދަޔަށް ޓްވިޓާ ކޮމިއުނިޓީސް

ޓްވިޓާއިން އެ އެޕްލިކޭޝަންގެ އާ ފީޗާ "ކޮމިއުނިޓީސް" ލޯންޗުކޮށްފި އެވެ.

ކޮމިއުނިޓީސް ފީޗާ އަކީ ފޭސްބުކްގެ "ގްރޫޕްސް" ގޮތަށް ފަރުމާ ކޮށްފައިވާ ޝައުގުވެރި ފީޗާ އެކެވެ.

މި ފީޗާ އިއްޔެގެ ވަގުތެއްގައި ލޯންޗްކޮށް ދުނިޔޭގެ އެކި ސަރަހައްދު ތަކަށް އެހިދުމަތް ފޯރުކޮށްދޭން މިހާރު ވަނީ ފަށާފަ އެވެ. އިންވައިޓެއް މެދުވެރިކޮށް ފުރަތަމަ ކޮމިއުނިޓީ ބެޗުތަކަށް އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކަށް ވަނުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ފޭސްބުކް ގްރޫޕް އަދި ރެޑިޓްގެ ސަބްރެޑިޓްސް ގޮތަށް ޓްވިޓާ ކޮމިއުނިޓީ ގައިވެސް މޮޑެރޭޓަރުން ހިމެނޭނެ އެވެ. ކޮމިއުނިޓީގެ ގަވާއިދުތައް ހަދާ ކޮމިއުނިޓީއަށް ވަނުމަށް ހުއްދަަދިނުން ނުވަތަ ކޮމިއުނިޓީން މީހުން ބޭރު ކުރުމުގެ ބާރު މޮޑަރޭޓަރުންނަށް ލިބިގެންވެ އެވެ.

ޓްވިޓާއިން މި ފީޗާގެ ޓެސްޓިން މަރުހަލާގައި ވަނީ ޓްވިޓާގައި މަޝްހޫރު ބައެއް އިންފްލުއެންސަރުންނަށް ކޮމިއުނިޓީސް ހެދުމުގެ ފުރުސަތު ދީފަ އެވެ. އަދި މިހާރު މި ފީޗާ ނެރުމާއި އެކު ކޮންމެ މީހަކަށްވެސް ޓްވިޓާ ކޮމިއުނިޓީ ހެދުމަށް ހުށަހެޅިދާނެ އެވެ.