ފިނިޕޭޖް

ކޯލްޑް ވާ އަދި ވާޒޯން ސީޒަން 5: އާ ކަންތައްތަކަކީ ކޮބާ؟

ކޯލް އޮފް ޑިއުޓީ ބްލެކް އޮޕްސް: ކޯލްޑް ވާ އަދި ވާޒޯންގެ އާ ސީޒަން ނެރުމަށް އެކްޓިވިޝަންއިން ތައްޔާރުވަމުން އެބަ ގެންދެ އެވެ. އަދި މިފަހަރުގެ ސީޒަންގައިވެސް ގިނަ އާ ކޮންޓެންޓް މި ދެ ގޭމަށް ގެންނާނެ ކަމަށް އެކުންފުނީގެ ބްލޮގްގައި މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

މިފަހަރުގެ ސީޒަންގައި އެހެން ސީޒަންތަކަށް ވުރެ ގެންނަ އާ ކޮންޓެންޓު އިތުރެވެ. އެހެން ފަހަރުތަކެކޭ އެއްގޮތައް މިފަހަރުވެސް ކޯލްޑްވާއަށް އާ މަލްޓިޕްލެޔާ މެޕްތަކާއި ބަޑި ތަކުގެ އިތުރުން ސްކޯސްޓްރީކެއް ގެންނާނެ އެވެ. އަދި ގޭމް ކުޅޭ ފަރާތްތަކުގެ މެދުގައި މަގުބޫލު ޒޯމްބީސްއަށް ވެސް ގިނަ އާ ކޮންޓެންޓް ގެނެ އެވެ.

އަދި ވާޒޯންއަށް ވެސް އާ ކޮންޓެންޓްތައްް ގެންނާނެ އެވެ. އަދި ކުރީގެ ސީޒަންތަކެކޭ އެއްގޮތައް މި ދެގޭމަށް ވެސް ބެޓަލް ޕާސް ގެންނާނެ އެވެ. އަދި މިފަހަރުވެސް ކޯލްޑްވާ އަށް ގެންނަ ބަޑިތައް ވާޒޯންއަށްވެސް ގެންނާނެ އެވެ.

ސީޒަން ފަހެއްގައި ކޯލްޑް ވާއަށް ފަސް އާ މަލްޓިޕްލެޔާ މެޕް ގެންނާނެ އެވެ. މި މެޕް ތަކަކީ އާ ދެ މެޕް ކަމަށްވާ "އެކޮލޮން" އާއި "ޝޯރޫމް"ގެ އިތުރުން ބްލެކް އޮޕްސް ދޭއްގެ މެޕެއް ކަމަށްވާ "ސްލަމްސް" އެވެ. އަދި ބްލެކް އޮޕްސް 1 ގެ ދެ މެޕް ކަމަށްވާ "ޑްރައިވް އިން' އަދި "ޒު" ވެސް މި ސީޒަންގައި ގޭމަށް ގެންނާނެ އެވެ.

ކޯލްޑް ވާ އާއި ވާޒޯން ދެގޭމަށް ވެސް ހަތަރު އާ ހަތިޔާރެއް ގެންނަ އިރު ދެގޭމށް ނެރޭ ބެޓަލްޕާސް އެހެން ފަހަރު ތަކެކޭ އެއްގޮތައް 100 އާ އައިޓަމް ހިމެނޭ ގޮތަށް ރިލީޒް ކުރާނެ އެވެ. ބެޓަލްޕާސްގައި ކުރީގެ ސީޒަން ތަކެކޭ އެއްގޮތައް ހިލޭ ލިބޭ އައިޓަމް ތަކަކާއި ބެޓަލްޕާސް ގަތުމުން ލިބޭ އައިޓަމްތަކެއް ހިމެނޭނެ އެވެ.

ވާޒޯންގެ މެޕަށް މާބޮޑު ބަދަލެއް ނުގެންނަ ނަމަވެސް، މަޝްހޫރު މި ބެޓަލްރޯޔާލް ޖޮންރާގެ ގޭމަށް އާ ކޮންޓެންޓްގެ އިތުރުން ސީޒަން މެދުތެރޭގައި ހާއްސަ އިވެންޓެއް ވެސް އަންނާނެ އެވެ. އަދި ފަސްވަނަ ސީޒަންގައި "ކްލޭޝް" އޭ ކިޔާ އާ ގޭމް މޯޑެއްވެސް ނެރޭނެ އެވެ. އަދި މިފަހަރުގެ ސީޒަންގައި ދެ ގޭމަށް ވެސް އާ ތިން ކެރެކްޓާވެސް ގެންނާނެ އެވެ.

ދެ ގޭމަށް ސީޒަން ފަހެއް ނެރުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ. އަދި ސީޒަން ފެއްޓުމުގެ ކުރިން ބޮޑު އަޕްޑޭޓެއް ދެ ގޭމަށްވެސް ނެރޭނެ އެވެ.