އޭސީ މިލާނުގެ ގޯލު ބެލެހެއްޓުމަކީ ފަސޭހަ އަދި އާދައިގެ ކަމެއް ވެސް ނޫނެވެ. އެ ޓީމަކީ އިޓަލީގެ ފުޓްބޯޅައިގެ އަދި ޔޫރަޕްގެ ފުޓްބޯޅައިގައި ވެސް ޕަވާހައުސްއެކެވެ. އުމުރުން އެންމެ 16 އަހަރުގެ ކުޅުންތެރިޔަކު މި ޓީމުގެ ގޯލުކީޕަރެއްގެ ގޮތުގައި ދައްކަމުން އަންނަ ހުނަރުވެރިކަމަށް ދުނިޔޭގެ ތައުރީފު އޮހެމުން ދަނީ މި ސަބަބާ ހެދި އެވެ.
އިޓަލީގެ ގޯލުކީޕަރުންނަށް ބަލާއިރު އެންމެ ފެވަރިޓް އައިކޮން އަކީ ގިއަންލުއިޖީ ބުފޮން އެވެ. މިއީ ވެސް ޖިއަންލުއިޖީ އެވެ. ޖިއަންލުއިޖީ ޑޯނަރޫމާ އެވެ.
މިހާރު އުމުރުން 37 އަހަރުވެފައިވާ ބުފޮން އަށް ފަހު އިޓަލީގެ ގޯލުގެ ފާރަވެރިޔަކަށް ވެސް ދެން ވާނީ ޑޯނަރޫމާ ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އޭނާ އަކީ މިހާރު ވެސް އެގައުމުގެ އަންޑަ 21ގެ ކީޕަރެވެ.
މި ކީޕަރެއްގެ ވާހަކަ ދައްކަން މިއަދަށް ވުރެ ވަކި މުނާސަބު ދުވަހެއް ވެސް އަންނާނެހެނެއް ހީއެއް ނުވެ އެވެ. އޭސީ މިލާނާ އެކު އޭނާ މިއަދު ނުކުންނާނީ ލެޖެންޑަރީ ބުފޮންގެ ޖުވެންޓަސްއާ ދެކޮޅަށެވެ. ޔަގީނަށް ވެސް މި މެޗު ހާއްސަވާނެ އެއް ސަބަބަކީ މިއީ އެވެ.
ޑޯނަރޫމާ އަށް މި މެޗު ހާއްސަ ވަނީ އޭނާ އައިޑޮލްއެއްގެ ގޮތުގައި ބަލާ ބުފޮންއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބޭތީ އެވެ.
އިސްކޮޅުގައި ހަ ފޫޓް ފަސް އިންޗި ހުންނަ ޑޯނަރޫމާ އަށް އޭސީ މިލާންގެ ފުރަތަމަ 11 އިން ޖާގަ ދިނީ އެ ޓީމުގެ ނަމްބަ ވަން ގޯލުކީޕަރު ޑިއެގޯ ލޮޕޭޒްގެ ފޯމު ދަށްވެ ތިން މެޗުން ޓީމު ޖެހިޖެހިގެން ބަލިވެފައި ވަނިކޮށެވެ. އެއަށް ފަހު ޑޯނަރޫމާއާ އެކު ކުޅުނު ފުރަތަމަ މެޗުން 2-1 އިން މޮޅުވީ އެވެ.
ދެން ކުޅުނު ތިން މެޗުގައި މި ޒުވާން ގޯލުކީޕަރާ އެކު އޭސީ މިލާންގެ ކޮޅަށް އަދި ގޯލެއް ނުވަދެ އެވެ.
އެހެންވީމަ މި ރެއަކީ ހާއްސަ ރެއެކެވެ. އިޓަލީގެ ފުޓްބޯޅަ އުފެއްދި އެންމެ ހުނަރުވެރި ދެ "ޖިއަންލުއިޖީ" ގެ ކުރިމަތިލުމެކެވެ.