ކުޅިވަރު

މެޗު ފެށުމުގެ ކުރިން: އެލް ކްލެސިކޯ

އަނެއްކާވެސް އެލްކްލެސިކޯއެއް އައީ އެވެ. ނަމަވެސް މެޗު ފަށަން ދެން ބާސެލޯނާގެ ފޭނުން ތިބެން ޖެހޭނީ ހިތް އަތަށް ލައިގެންނެވެ. ސަބަބަކީ ސްޓާ ޕްލޭޔަރު ލިއޮނަލް މެސީ އަށް ކުޅެވޭނެކަން އެނގޭނީ މި މެޗެއް ފަށަން ގަޑިއެއްހާއިރުވާ ފަހުން ކަމުގައިވާތީ އެވެ.

އުމުރުން 28 އަހަރުގެ، އާޖެންޓީނާގެ ފޯވާޑަށް އަނިޔާވެފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. މި ހަފުތާގައި އެނބުރި ޕްރެކްޓިހަށް ނުކުތް މެސީ މުޅިން ފިޓްވެފައިވާ ކަމުގެ ޚަބަރު ލިބެ އެވެ.

އެކަމަކު ފުރަތަމަ 11 އިން މެސީ އަށް ޖާގަ ދޭނެކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތެވެ. މިހެންވެއްޖެ ނަމަ އޭގެ ހުރިހާ ވެސް މޮޅެއް ނިކަން ފިޓްކޮށް އޮތް ރިއަލް މެޑްރިޑަށެވެ. ސެކްސް ޓޭޕެއްގެ މައްސަލައެއްގައި ބެދިގެން މިދިޔަ ހަ މެޗުން ނުފެނުނު ކަރީމް ބެންޒެމާ ވެސް މިރޭގެ މެޗަށް އަރާނެ އެވެ.

މެސީ މިރޭ ފެންނާނެތަ؟

ކޯޗު ލުއިސް އެންރިކޭ ބުނެފައި ވަނީ މެސީ 100 ޕަސެންޓަށް ފިޓްނުވާކަން އޭނާ އަށް ވެސް އެނގޭ ކަމަށެވެ. އަދި މެސީއާ ވާހަކަ ދެއްކުމަށް ފަހު މެޗު ފަށަން ގަޑިއެއްހާއިރު އޮތްވައި މެސީއާ މެދު ގޮތެއް ނިންމައި އެކަން އިއުލާނުކުރާނެ ކަމަށެވެ.

އާޖެންޓީނާ ޓީމުގެ ޑޮކްޓަރު ހޮމީރޯ ޑެ އަގޮސްޓީނޯ ބުނެފައި ވަނީ މިރޭ ރިއަލް މެޑްރިޑާ ދެކޮޅަށް މެސީ ނެރެފި ނަމަ އޭނާ އަށް ލިބުނު އަނިޔާ ގޯސްވުމުގެ ފުރުސަތު އެބައޮތެވެ. އޭނާ ބުނެފައި ވަނީ ކުޅޭނެކަން ނިންމާނީ ކުޅުންތެރިޔާ ކަމަށާއި އޭނާގެ ހުރި ކޮންފިޑެންސެއްގެ ވާހަކަ ބުނާނީ ކުޅުންތެރިޔާ ކަމަށެވެ.

ފާހަގަކޮށްލަން ޖެހެނީ މެސީއާ ނުލައި ވެސް ބާސާގެ އެޓޭކް ވަރުގަދަވާނެ ކަމެވެ. މެސީއާ ނުލައި ބާސާ އިން ލީގާއި ޗެމްޕިއަންސް ލީގުގައި އަށް މެޗު ކުޅެފައިވާއިރު ނޭމާ ވަނީ 10 ގޯލު ޖަހައިފަ އެވެ. އަދި ލުއިސް ސުއަރޭޒް ވަނީ އަށް ގޯލު ޖަހައިފަ އެވެ.

ރިއަލް މެޑްރިޑް އޮތީ ވަރަށް ވަރުގަދަކޮށް

އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި ސީޒަނުގައި ކުޅުނު 15 މެޗުގައި 13 ގޯލު ޖަހައިފަ އެވެ. ނުވެ މެޗުގައި ގޯލެއް ނުޖެހެ އެވެ.

އެހެންވިޔަސް ރޮނާލްޑޯ ހުރީ ހަމަ ވަރަށް ވެސް ފިޓްކޮށެވެ.

އަނެއްކޮޅުން ގަރެތު ބޭލް އާއި ހަމޭސް ރޮޑްރިގޭޒް ވެސް ވަނީ އެނބުރި އައިސްފަ އެވެ. އަނިޔާގައި ތިބި ކެޕްޓަން ސާޖިއޯ ރާމޮސް އާއި ގޯލުކީޕަރު ކެއިލާ ނަވާޒް ވެސް ފިޓެވެ.

މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ ލީގުގެ އެއް ވަނާގައި އޮތް ބާސާގެ މައްޗަށް ރިއަލް އަށް ކުރި ލިބޭނެ އެވެ.

މިރޭގެ މެޗަކީ ރިކޯޑެއް

  • މި މެޗު ލައިވްކޮށް، ޓީވީ މެދުވެރިކޮށް 170 ގައުމަށް ފެންނާނެ
  • މެޗު ބަލާނެ ކަމަށް ބެލެވޭ މީހުންގެ އަދަދު 600 މިލިއަނަށް އަރާ
  • މި މެޗަށް 220 މީޑިއާއަކުން 600 ނޫސްވެރިން ސަންތިއާގޯ ބާނެބިއު އަށް ވަންނާނެ
  • އިންޑޮނީޝިއާގެ ނެޝެނަލް ސްޓޭޑިއަމްގައި މި މެޗު 10،000 މީހުން ބަލާނެ

މެޗު ފަށާނީ މިރޭ 10:15ގަ އެވެ.