އަބްދުއްރަހީމް އަބްދުﷲ

މިނިވަންކަން ގެއްލޭ މަންޒަރު ނުފެންނަނީ އަމިއްލަ އެދުން ބޮޑުވުމުން: އަބްދުއްރަހީމް

ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިންގައި ބައިވެރިވުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ދެކޮޅު ހަދާފައިވަނީ އެ ޕާޓީތަކުގެ ލީޑަރުންގެ އަމިއްލަ އެދުން ބޮޑުވުމުން ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ދިން ދައުވަތު ޕާޓީ ތަކުން ގަބޫލުނުކުރުމުން އެކަމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ޕާޓީއެއްގެ ޖަވާބު ރަސްމީކޮށް ލިބިފައި ނެތް ކަމަށެވެ. އެކަމަކު އިދިކޮޅުގެ ދައުވަތު ގަބޫލުނުކުރާނެ ކަމަށް ޕާޓީ ތަކުން މީޑިއާގައި ބުނެފައިވާތީ އެއީ ޖަވާބު ކަމަށް ބަލައިގެންފައިވާ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއާ މެދު ޕާޓީތަކުގެ ލީޑަރުންގެ ލޯތްބެއް އޮތް ނަމަ މިގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ގެއްލޭ މަންޒަރު ފެންނާނެ ކަމަށެވެ. އެކަމަކު މިނިވަންކަން ގެއްލޭ ފަދަ ހާލަތެއް ނެތް ކަމަށް ޕާޓީތަކުގެ ލީޑަރުން ވިދާޅުވަނީ އެބޭފުޅުންގެ އަމިއްލަ އެދުން ހިސާބަށް ވުރެ ބޮޑުވުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ދެން އެންމެ ރަނގަޅު ޕާޓީ ތަކުގެ ލީޑަރުން ކޮންމެ ގޮތަކަށް ތިއްބެވި ނަމަވެސް. އަޅުގަނޑުމެން އެނގޭ އެއްޗަކީ އެ ޕާޓީ ތަކުގެ މެންބަރުން ވެސް ތިބީ އަޅުގަނޑުމެންނާ އެކު ގައުމު މިނިވަންކުރުމުގައި ކަން. އެއީ އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުތުރު ތިލަފަޅު އެއްބަސްވުމަކީ މިގައުމުގެ މިނިވަންކަން ގެއްލޭ ވަރުގެ އެއްބަސްވުމެއް ކަން ޕާޓީ ތަކުގެ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރާއްޖޭގެ މައްޗަށް އަވަށްޓެރި އެހެން ގައުމަކުން ނުފޫޒު ފޯރުވައިގެން ދިވެހި ސަރުކާރުން ކުރަން ބޭނުންވާ އެއްވެސް ކަމަކަށް ފުރުސަތު ނުދީ އަދި އިތުރު އެހެން ގައުމަކުން ލޯނެއް ނަގަން ވެސް ފުރުސަތު ނުދޭ ކަމަށާއި އެއީ މިނިވަންކަން ގެއްލިފައި އޮތުމުން ދިމާވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ ދައުވަތު ލިބިފައިވާ އަދާލަތު ޕާޓީއާއި ޖޭޕީ އަދި އެމްއާރްއެމުން ބުނެފައިވަނީ އެ ޕާޓީތައް ތިބީ ސަރުކާރު ކޯލިޝަންގައި ކަމަށާއި އެހެންކަމުން އިދިކޮޅު ކޯލިޝަނާ އެކު މިވަގުތު މަސައްކަތް ކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. އަދި މިނިވަންކަން ގެއްލުވާލުމަށް ސަރުކާރުން ކުރާ މަސައްކަތެއް ފެންނަން ނެތް ކަމުގައިވެސް ޕާޓީ ތަކުން ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަންގެ ދައުވަތު އެމްޑީއެމް އަށް ވެސް ދީފައިވެ އެވެ. އެކަމަކު ދައުވަތާ ގުޅިގެން އެ ޕާޓީން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.