ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓަށް ބަދަލުވާން 350 މީހުން ބޭނުންވޭ

ހިޔާ މަޝްރޫއުގެ ދަށުން ފަންނީ ކެޓެގަރީން ފްލެޓް ލިބުނު މީހުންގެ ތެރެއިން 350 މީހަކު "ވިނަރެސް ފްލެޓް" ތަކަށް ބަދަލުވާން އެދިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ފަންނީ ކެޓެގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި ސިވިލް ސާވިސްގެ މީހުން ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއަކުން ފްލެޓް ހޯދުމަށް ނަން ނޯޓުކުުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އޭޕްރީލް މަހު އެވެ. އަދި ފަހުން ފަންނީ ނޫން މީހުންނަށް ވެސް ފުރުސަތު ދިނުމުގެ ގޮތުން މިދިޔަ މަހުގެ 31އާ ހަމައަށް ނަންނޯޓު ކުރުމުގެ މުއްދަތު އިތުރު ކުރި އެވެ.

އެ ފުރުސަތުގެ ދަށުން ފްލެޓްތައް ދޭން ނިންމީ އެޗްޑީސީން ހުޅުމާލޭގައި ތަރައްގީކުރާ "ވިނަރެސް" ފްލެޓްތަކުންނެވެ. އެ ފްލެޓްތަކަކީ ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުގެ ދަށުން އެންމެ އަވަހަށް ނިންމާލާނެ ކަމަށް ބުނާ ފްލެޓްތަކެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި 350 އެއްހާ މީހުން ނަން ނޯޓު ކުރި ކަމަށާއި އެހެންކަމުން އެޕްލިކޭޝަން ހުށަހަޅަން ދެ ހަފްތާގެ ފުރުސަތެއް ދޭނެ ކަމަށެވެ.

"ދެން އެޕްލިކޭޝަން ޕްރޮސެސް ނިންމައި ފައިނޭންޝިއަލް ސްކްރީންނަށް ފަހު ފްލެޓް ލިބޭ މީހުންނާ އެގްރިމަންޓްގައި ސޮއިކުރާނީ،" ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ވިނަރެސް ފްލެޓްތައް އަންނަ އަހަރު އޭޕްރީލް ހިސާބުގައި ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތައް އަޅާއިރު 10 ޓަވަރު އަޅަ އެވެ. މި ޓަވަރުތަކުގައި ޖުމްލަ 1344 އެޕާޓްމެންޓާއެކު ހަތަރު ވައްތަރެއްގެ އެޕާޓްމެންޓް ހުންނާނެ އެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެވެ. ސްޓޭންޑަޑް ވިއު ގައި ހުންނާނީ 883 އަކަފޫޓުގެ އެޕާޓްމެންޓްތަކެކެވެ. ދެން ހުރި އެޕާޓްމަންޓްތަކުގައި 902 އަކަފުޓޫ ހުންނާނެ އެވެ. ހުރިހާ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހުންނާނެ އެވެ.