ހަބަރު

އެމްޑީޕީގެ މަސައްކަތުގައި ޕީޕީއެމްގެ މަޖިލިސް ބައެއް މެމްބަރުންނާ މިދަނީ މަޝްވަރާ ކުރަމުން: ނަޝީދު

Jan 15, 2015

ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް އެމްޑީޕީން ކުރާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުންނާ ވެސް މަޝްވަރާ ކުރަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް ނަޝީދު ކުރިން ގޮވާލައްވާފައިވާތީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރުޕީން ވެސް ވަނީ އެ މަސައްކަތުގައި ބައިވެރިވާނެ ކަން ފާޅުގައި އިއުލާންކޮށްފަ އެވެ.

ސްރީލަންކާގެ އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވަން ނަޝީދު އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގާނޫނު އަސާސީއާ މެދު ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތާ މެދު ހިތްހަމަނުޖެހޭ ޕީޕީއެމްގެ މަޖިލިސް މެމްބަރުންތަކެއް ވެސް އެބަތިބި ކަމަށެވެ. އަދި އެ ބޭފުޅުންނާ މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި ނަމަވެސް އިތުރު ތަފްސީލެއް އެމަނިކުފާނު ނުދެއްވަ އެވެ.

"އަޅުގަނޑު އުއްމީދުކުރަން އެބޭފުޅުން ވެސް އަޅުގަނޑުމެންނާ ބައިވެރިވެގެން މި މަސައްކަތުގައި ކުރިއަށް ދާނެ ކަމަށް." ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި ނިކުންނަ ޕާޓީތަކާ އެކު އެމްޑީޕީން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށާއި އެކަމުން ރަނގަޅު ނަތީޖާތަކެއް ނިކުންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މިވަގުތަކީ އެކަމުގައި އެންމެ އިސްކޮށް އޮތީ ކޮން ޕާޓީއެއްތޯ ނިންމަންވީ ވަގުތު ނޫން ކަމަށާއި އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަންވީ ވީހާ ވެސް ސާފު ހިތެއްގައި، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތް ހޯދެން ހުރި ގޮތް ބަލަމުން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައިމަ އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ގާނޫނު އަސާސީއަށް ބޮޑެތި ގޮންޖެހުންތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށާއި ޖަލުގައި ބަންދުކޮށްގެން ނުވަތަ ހައްޔަރުކޮށްގެން ވެސް އެމްޑީޕީން އެ ކުރާ މަސައްކަތަށް ހުއްޓުވާނުލެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ޒާތީގޮތުން އެއްވެސް ބަޔަކަށް ގެއްލުމެއް ނުދިނުމަށް ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

މާދަމާ ރޭ އެމްޑީޕީން ބާއްވާ ބޮޑު ޖަލްސާގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއެއް ބައިވެރިވާނެތޯ ދެންނެވުމުން އެމަނިކުފާނު އެއަށް ސީދާ ޖަވާބެއް ނުދެއްވާ ވިދާޅުވީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.