ފާތުމަތު ދީމާ

ޔޫރަޕުގެ މުބާރާތަކަށް ދީމާ

ރާއްޖޭގެ ޒުވާން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ޔޫރަޕުގެ މުބާރާތެއްގައި ބައިވެރިކުރުވަން ނިންމައިފި އެވެ.

ދީމާ ބައިވެރިކުރަން ނިންމާފައިވަނީ ޕޯޗުގަލްގެ ލިސްބަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓީޓީ ޔޫތު ސްޓާ ކޮންޓެންޑާ ލިސްބަންގަ އެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު 18 އިން 22 އަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ޕޯޗުގަލް މުބާރާތަށް ދީމާ ފޮނުވުމުގެ އިތުރުން މިއަހަރު އޮމާނުގައި ބާއްވާ މުބާރާތެއްގައި ވެސް ދީމާ ބައިވެރި ކުރަން ނިންމާފައިވާ ކަމަށެވެ.

އައްޔަ ވިދާޅުވީ މިފަދަ ބޮޑެތި މުބާރާތްތަކުގައި ދީމާ ބައިވެރިކުރުވުމުގެ ބޭނުމަކީ ވޯލްޑް ރޭންކިންގެ މަތީ ފަންތީގައި ދީމާގެ ނަން ހިފެހެއްޓުން ކަމަށެވެ.

"މިފަދަ އިންޓަނޭޝަނަލް މުބާރާތްތައް ކުޅުމުން ވޯލްޑް ރޭންކިން އަށް ޕޮއިންޓް އިތުރުވާނެ. އެއީ ދީމާ ޕޯޗުގަލަށް ފޮނުވާ މުހިއްމު އެއް ބޭނުން،" އައްޔަ ވިދާޅުވި އެވެ.

ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން ދީމާ އޮތީ ރޭންކުގެ 11 ވަނައިގަ އެވެ. މީގެ ކުރިން މިއަހަރުގެ އޭޕްރީލް މަހު އޭނާ ވަނީ އަށްވަނަ އަށްވެސް އަރާފަ އެވެ. އެއީ ރާއްޖޭގެ ކުޅުންތެރިއެއް ވޯލްޑް ރޭންކިންގެ ގަދަ 10 އަށް އެރި ފުރަތަމަ ފަހަރެވެ.

ދީމާ މިހާރުވެސް ގެންދަނީ ލަންކާގައި ފަރިތަކުރުންތައް ބާއްވަމުންނެވެ. ލަންކާގައި ދީމާ ތަމްރީނު ހަދަނީ ކުރީގެ ލަންކާގެ އެންމެ މޮޅު ޓީޓީ ކުޅުންތެރިޔާ ރޯހަން ކައިރިންނެވެ. ރޯހަން ލަންކާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ވަނި މިއަހަރު އެވެ.