ހައުސިން ޔުނިޓް

ދަ ކްރީކް ވިއު ހައުސިން ޔުނިޓް މަޝްރޫއު އިފްތިތާހުކޮށްފި

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަލަށް އަޅަން ފަށާ "ދަ ކްރީކް ވިއު" ހައުސިން ޔުނިޓްތަކުގެ މަޝްރޫއު އިފްތިތާހުކޮށްފި އެވެ.

ހުޅުމާލެ ކުރެދިމާހިނގުމު ގައި ހުޅުމާލެ ދެވަނަ ފިޔަވައްސަށްވާ ގޮތަށް ހުންނަ މަގުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ މަޝްރޫއު އިފްތިތާހުކުރީ މިއަދު ހަވީރު މާގިރި ހޮޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިއަދުގެ ހަފްލާގައި ދަ ކްރީކް ވިއުގެ ރަސްމީ ވެބްސައިޓުވެސް ވަނީ އިފްތިތާހު ކޮށްފައެވެ.

ދަ ކްރީކް ވިއު ހައުސިން މަޝްރޫއު ކުރިއަށް ގެންދާނީ ރާއްޖޭގައި އިމާރާތް ކުރުމާއި ކޮންޓްރެކްޓިންގެ ދާއިރާގައި ކާމިޔާބު ދެ ކުންފުނި ކަމަށްވާ ސާސްއީ ކޮންސްޓްރަކްޝަން އަދި ގްލަޓް އިންވެސްޓްމަންޓްގެ ޖޮއިންޓް ވެންޗާ ކުންފުންޏަކުން ނެވެ.

މި މަޝްރޫއުގެ ދަށުން 114 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ. އޭގެ ތެރޭގައި 44 ލަގްޒަރީ އެޕާޓްމަންޓްތައް ހިމެނޭ އިރު 70 އެޕާޓްމަންޓްތައް ވިއްކާނީ ކޮންޓްރޯލް އަގުތަކެއްގަ އެވެ. އެގޮތުން އެ އެޕާޓްމަންޓްތައް ވިއްކާނީ އަކަފޫޓަކަށް 2185 ރުފިޔާ ޖެހޭގޮތަށެވެ.

14 ބުރީގެ މި ހައުސިން ޔުނިޓްތަކުގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އިތުރުން (1+3) އަދި ހަތަރު ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނެ އެވެ.

މި ހައުސިން ޔުނިޓްތަކުގައި ސުވިމިން ޕޫލާއެކު ކުދިން ކުޅުމަށް ހާއްސަ ބައެއް ހުރުމުގެ އިތުރުން ޕާކު ކުރުމުގެ ހިދުމަތް ލިބޭ އިރު އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާ ހާއްސަކޮށްފައިވަނީ ވިޔަފާރީގެ ހިދުމަތްތައް ލިބޭ ގޮތަށެވެ. އަދި ފަރުމާކޮށްފައިވަނީ ތަނަވަސް ޖާގަ ލިބޭ ގޮތަށް ފުރިހަމަ ވެންޓިޝަނާއެކު ހިތް ފަސޭހަ ދިރިއުޅުމެއް އުޅެވޭ ގޮތަށެވެ.

މިއަދުގެ ހަފްލާގައި ސާސް އީ ކޮންސްޓަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ސައުދުالله އަހުމަދު ވިދާޅުވީ ދަ ކްރީކް ވިއު ހައުސިން މަޝްރޫއަކީ އެހެން މަޝްރޫއު ތަކުން ދިމާވާ ދަތިތަކާއި މައްސަލަތަކަށް ބެލުމަށްފަހު އެކަން ކަމަށް ހައްލު ލިބޭނެފަދަ ގޮތަކަށް އިމާރާތް ކުރަން ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.

އެޗްޑީސީގެ ފަރާތުން އިއުލާނުކުރި "ޑިވެލޮޕްމަންޓް އެންޑް ސޭލް އޮފް މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް އިން ހުޅުމާލެ" ހައުސިން މަޝްރޫއަށް ސާސް އީ ގްލަޓް ޖޭވީ ޕްރައިވެޓް ލިމިޓެޑްއިން ބިޑު ހުށައެޅީ 2020 ވަނަ އަހަރު އޮކްޓޯބަރ 8 ވަނަ ދުވަހު އެވެ. އަދި ބިޑު ކާމިޔާބުކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން 114 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް 36 މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.