ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

34 ރަށުގައި 65 ޕަސަންޓް މީހުން ވެކްސިން ޖަހައިފި

ރާއްޖޭގެ އާބާދީގެ 65 ފަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކުގެ އަދަދު 34 އަށް އަރައިފި އެވެ.

ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައި ވަނީ ވ. ތިނަދޫއިންނެވެ. އެ ރަށުން ވަނީ އާބާދީގެ 77 ފަސަންޓް މީހުުން ވެކްސިން ޖަހާފަ އެވެ. އެންމެ މަދުން ވެކްސިން ޖަހާފައި ވަނީ ގއ. ދާންދޫގަ އެވެ. އެރަށުން ވެކްސިން ފުރިހަމަކޮށްފައި ވަނީ އާބާދީގެ ނުވަ ފަސެންޓް މީހުންނެވެ.

ރާއްޖޭގައި މީހުން ދިރިއުޅެމުން ދަނީ 185 ރަށުގަ އެވެ. ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖަހަމުން ދާއިރު 151 ރަށެއްގައި އާބާދީގެ 65 ފަސެންޓް މީހުން އަދިވެސް ވެކްސިން ފުރިހަމަ ކޮށްފައެއް ނުވެ އެވެ.

ރާއްޖެއިން މިހާތަނަށް 274،949 މީހަކު ވަނީ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. އަދި 325،060 މީހަކު ވަނީ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި ފައިޒާ ވެކްސިނާއި ސިނޯފާމް ވެކްސިނާއި އެކްސްޓްރަޒަނިކާ ވެކްސިން ފުރިހަމަ ކުރި މީހުންނެވެ.

ސަރުކާރުން ވަނީ ވެކްސިންގެ ދެ ޑޯޒް އަވަހަށް ފުރިހަމަކޮށް ކޮވިޑުން ރައްކާތެރި މުޖުތަމައެއް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.

ކޮވިޑްގައި ދިވެހިން މިހާތަނަށް މި ބަލީގެ ހަތަރު ރާޅެއް ތަޖުރިބާ ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ހާލަތު ގޯސްވީ ހަތަރުވަނަ ރާޅުގައި މެއި މަހުގެ ތެރޭގަ އެވެ. އެ މަހު އެކަނިވެސް 40،000 އާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހުނެވެ. 100 އަށް ވުރެ ގިނަ މީހުން ބަލީގައި މަރުވި އެވެ. އެތައްހާސް ބަޔަކު އެޑްމިޓްކޮށްގެން ފަަރުވާދޭން ޖެހުނެވެ.

މިހާތަނަށް 77،758 މީހަކަށް ރާއްޖެއިން ބަލި ޖެހިފައިވެ އެވެ. އަދި 75،065 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. މިވަގުތުގެ އެކްޓިވް ކޭސްގެ އަަދަދަކީ 2،459 އެވެ. ހޮސްޕިޓަލްގައި 16 މީހަކަށް ފަރުވާ ދެމުންދާއިރު ބަލީގައި މަަރުވި މީހުންގެ ޖުމްލަ އަދަދަކީ 222 އެވެ.