އިދިކޮޅު ޕީޕީއެމުން "މަވެސް ޕީޕީއެމް"ގެ ނަމުގައި އެ ޕާޓީ އަށް މެންބަރުން ހޯދުމަށާއި ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯ އަށް ހިޔާލު ހޯދުމަށް އަތޮޅުތަކަށް ދަތުރުތަކެއް ފެށުމަށް ނިންމައިފި އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އަތޮޅުތަކަށް ކުރާ ދަތުރުގައި ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
ޕީޕީއެމްގެ ޓީމު އެންމެ ފުރަތަމަ ދިއުމަށް ހަމަޖެހިފައިވަނީ ހއ. އަތޮޅުގެ 14 ރަށަށް ކަމަށެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު ކަންވެސް ކުރައްވަމުން ގެންދަވާ ޝުޖާއު ވިދާޅުވި ގޮތުގައި މިދަތުރުތަކުގެ މައިގަނޑު ބޭނުމަކީ ޕީޕީއެމަށް މެންބަރުން އިތުރުކުރުމާއި ރިޔާސީ މެނިފެސްޓޯ އަށް ހޔާލު ހޯދުމެވެ.
ހއ. އަށް ކުރާ ދަތުރުގައި އެ އަތޮޅުގެ ވަކި ވަކި ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކޮށް ރަށުގެ ތަރައްގީއާ ގުޅޭ ޕްލޭންތައް އެކުލަވާލުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެކަމުގެ މަޝްވަރާތައް ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.
ޕީޕީއެމުން ހއ. އަތޮޅަށް ކުރާ ދަތުރުގައި އިސްކޮށް ތިއްބަވާނީ ޝުޖާއުގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.
ޕީޕީއެމުން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު އެޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމެއް އިއްވާފައިވީ ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށް އެޕާޓީން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.