ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އައްޑޫގައި 75 ޕަސަންޓް މީހުން ވެކްސިން ފުރިހަމަކޮށްފި

Aug 4, 2021
1

އައްޑޫގައި ވެކްސިންޖެހޭ އުމުރުގެ 75 ޕަސަންޓް މީހުން ކޮވިޑް 19ގެ ވެކްސިންގެ ދެ ޑޯޒު ޖަހައިފި އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން މިއަދު ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައްޑޫގައި ވެކްސިންގެ ޖެހޭ އުމުރުގެ 94 ޕަސަންޓް މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އެއީ 15،060 މީހުންނެވެ.

އައްޑޫގައި ވެކްސިން ޖެހޭ އުމުރުގެ 11،826 މީހަކު ވަނީ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފަ އެވެ. އެއީ ވެކްސިން ޖެހޭ އުމުރުގެ 75 ޕަސަންޓް މީހުންނެވެ.

އައްޑޫގައި 12،566 މީހަކު ފުރަތަމަ ޑޯޒުގެ ގޮތުގައި ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިން އެވެ. އަދި 9،801 މީހަކު ދެވަނަ ޑޯޒުގެ ގޮތުގައި ވެސް ޖަހާފައިވަނީ ކޮވިޝީލްޑެވެ.

އައްޑޫގައި 2،494 މީހަކު ފުރަތަމަ ޑޯޒުގެ ގޮތުގައި ޖަހާފައިވަނީ ސިނަފާމް ވެކްސިން އެވެ. އަދި 2،025 މީހަކު ދެވަނަ ޑޯޒުގެ ގޮތުގައި ވެސް ޖަހާފައިވަނީ ސިނަފާމް ވެކްސިނެވެ.

އެޗްޕީއޭ އިން މިމަހުގެ ދެވަނަ ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ރާއްޖޭގައި 274،949 މީހަކު ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފަ އެވެ. އަދި 325،060 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ.

މިނިވަން ދުވަހު ގައުމާ މުހާތަބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވެކްސިން ޖެހޭ އުމުރުގެ 90 ޕަސަންޓް މީހުންނަށް މިމަހުގެ ނިޔަލަށް ވެކްސިންގެ ދެ ޑޯޒް ދިނުން ކަމަށް ވިދާޅުވެފަ އެވެ.