ޓިކްޓޮކްގައި މިހާރު އަނެއްކާވެސް މުޅިން އާ ކަމެއް ވަނީ ވައިގައި ހިފާފަ އެވެ. ޓިކްޓޮކް ބޭނުންކުރާ ގިނަ ބަޔަކު ބައިވެރިވެގެން މިހާރު ކުރާ ކަމަކީ ގަނޑުކޮށްފައި ހުންނަ މާމުއި ކެއުމެވެ.
މިކަން ކުރާ މީހުން ގިނަވެ، ޓިކްޓޮކް ފިޔަވައި އެހެން ސޯޝަލްމިޑިއާ ޕްލެޓްފޯމްތަކަށް ވެސް މިހާރު މި ޓްރެންޑް ވަނީ ފެތުރެން ފަށާފަ އެވެ.
ޓިކްޓޮކް ވީޑީއޯތަކުން ފެންނަނީ އެ އެޕް ބޭނުންކުރާ އެތައް ބަޔަކު ގަނޑުކޮށްފައި ހުރި މާމުއި ގިނަ އަދަދަކަށް ކާ ތަނެވެ. ބައެއް މީހުން ޕްލާސްޓިކް ފުޅީގައި މާމުއި ގަނޑުކޮށްފައި އެ ފިއްތައިގެން އޭގައި ހުންނަ މާމުއި ކައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޓިކްޓޮކް ބޭނުންކުރާ 80 މިލިއަނަށް ވުރެ ގިނަ މީހުން ހޭޝްޓެގް #ފްރޯޒަންހަނީ ދަނީ ބޭނުން ކުރަމުންނެވެ.
މި ޓްރެންޑަށް ބައެއް މީހުން ތަފާތު ވޭރިއޭޝަންތައް ގެނެސްފައިވެ އެވެ. އެގޮތުން އެއްބަޔަކު މާމުޔާއި ކޯން ސިރަޕް އެއްކޮށްގެން ގަނޑުކޮށްގެން ކައެވެ. އޭރުން މާމުއިގައި ހުންނަ ތަތްކަން ތަންކޮޅެއް ކުޑަވާތީ އެވެ. އަނެއް ބަޔަކު މެޓަޔާއި މާމުއި އަދި ކޯން ސިރަޕް އެއްކުރެ އެވެ.
ނަމަވެސް ސިއްހީ ތަޖުރިބާކާރުން ބުނަނީ ގަނޑުކޮށްގެން މާމުއި ކެއުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުން ބަނޑުގައި ރިއްސުމާއި އަދި ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވާނެ ކަމަށެވެ.
"މާމުޔަކީ އޭގެ ޒާތުގައި ވަރަށް ފައިދާހުރި ރަނގަޅު އެއްޗެއް. ނަމަވެސް އެއީ އަނގައިގައި ކިރިޔާ ފޮނިރަހަ ލާވަރުގެ މަދު މިންވަރެއް ބޭނުން ކުރުމުން. މާގިނައިން މާމުއި ބޭނުންކުރާނަމަ ބޭރަށް ހިންގުމާއި، ބަނޑު އަކުނިވަޔަށް ދެމުން އަދި ބަނޑުގައި ވައި ހެދި ބަނޑު ފުއްޕުން ފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށް އެމެރިކާގެ މަޝްހޫރު ޑައިޓީޝަން ކްރިސްޓިން ކިރްކްޕެޓްރިކް ބުނެފައިވެ އެވެ.
މާމުއި ގަނޑުކޮށްގެން ކާއިރު ދަތްތަކުގައި ތަތްލާފައި ހުންނާތީ ދަތްތަކަށް ގެއްލުންވެ ދަތް ފަނި ކެއުމުގެ މައްސަލަތައް ވެސް ކުރިމަތިވާނެ ކަމަށް ބައެއް އެހެން ތަޖުރިބާކާރުން ބުނެފައިވެ އެވެ.
ކޮންމެހެން މަޝްހޫރު ޓްރެންޑެއް ފޮލޯކުރާ ހިތުން މިފަދަ ކަމެއް ކުރަން ނުޖެހޭނެ ކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.