އަބްދުﷲ ޖާބިރު

އިދިކޮޅު ކޯލިޝަނާ ގުޅެން ތައްޔާރު: ޖާބިރު

Aug 5, 2021
4

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

އަވަސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ އޭނާގެ ވަރަށް ބޮޑު ބައިވެރިވުމެއް އޮވެގެން ވެރިކަމަށް އައި ސަރުކާރެއް ކަމަށެވެ. ނަމަވެސް މިއަދު ސަރުކާރުގެ ތެރެއިން އޭނާ އަށް ބޮޑެތި ގެއްލުންތައް ދެމުންދާ ކަމަށާއި އަދި ދިވެހި ރައްޔިތުންނަށް ވެސް ވަރަށް ދަތިވާ ގޮތަށް ކަންކަން އެބަހުރި ކަމަށެވެ.

"އަޅުގަނޑު މިސަރުކާރު ގެންނަން ވަރަށް ބޮޑެތި ހަރަދުތައް ކުރިން. އެކަން އެނގޭނެ އަދި އެކަން ގަބޫލުކުރާނެ އެތައް ބަޔަކު ތިބޭނެ. އެކަމަކު އެންމެ ކުޑަމިނުން އަޅުގަނޑުގެ އަންހެނުންނަށް ވެސް ވަޒީފާއެއް ނުދިން. އޭގެފަހުން ދެން މިފެންނަނީ އަޅުގަނޑުގެ ވިޔަފާރިއާއި މުދަލަށް ގެއްލުންވާ ގޮތަށް ކަންކަން ހިނގާ މަންޒަރު،" ޖާބިރު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ޖާބިރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އޭނާ އަށް ދިން ގެއްލުމާ ގުޅިގެންނާއި ދިވެހި ރައްޔިތުންނަށްޓަކައި އޮތް އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. އެހެންކަމުން ކަމާ ގުޅޭ މަޝްވަރާތައް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާ އެކު ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ އަށް ގެއްލުންތަކެއް ދިން ނަމަވެސް ގައުމު ސަލާމަތްކުރުމަށްޓަކައި މިއަދު ރައީސް ޔާމީނާ ގުޅިގެން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ވަރަށް ބޮޑަށް ފޯރާފައިވާތީ އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށްވެސް ޖާބިރު ވިދާޅުވި އެވެ. ސަރުކާރަށް ތާއީދުކޮށްގެން ހުންނަވައިގެން އެކަން ނުކުރެއްވޭނެ ކަމަށާއި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެމަސައްކަތް ކުރެވޭނީ ވެސް އިދިކޮޅާ ގުޅިގެން ކަމަށެވެ.

"އެމްޑީޕީ އަކީ އިންޑިއާގެ އެޖެންޓެއް ކަމަށް އަޅުގަނޑަށް ފެންނަނީ. ރައީސް ސޯލިހު މަަސައްކަތް ކުރައްވަނީ އިންޑިއާ އިން މިގައުމަށް ފޮނުވާފައި ހުންނެވި ކަތީބެއްގެ ގޮތަށް. ޝާހިދު އެ ހުންނެވީ ކުޑަކަތީބަށް. މިއީ ބަލައިގަނެވޭނެ ކަމެއް،" ޖާބިރުގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ގައުމު ސަލާމާތް ކުރުމަށްޓަކައި ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ ފުލުހުންނާއި ސިފައިން ތެދުވެރިކަމާއި އިހްލާސްތެރިކަން އިސްކޮށްގެން ގައުމުގެ ދިފާއުގައި ތެދުވުމަށްވެސް ޖާބިރު ވަނީ ގޮވާލައްވާފަ އެވެ.